Logo
image for article

    ކުމުންދޫ ކައުންސިލް ރައީސްގެ އާއިލާ މަސްތުވާތަކެތީގެ ވިޔަފާރީގައި: ރައްޔިތުންގެ އިތުބާރު ގެއްލި، މުޅި ރަށް ސިއްސުވާލައިފި

    ކުޅުދުއްފުށީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު ދެ އޮޕަރޭޝަނެއްގައި، ހދ. ކުމުންދޫ ކައުންސިލްގެ ރައީސް ޢަލީ ޤާސިމްގެ ދަރިފުޅާއި އެއްބަނޑު އެއްބަފާ ކޮއްކޮ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ. ރަށުގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ ގާތް ތިމާގެ މީހުން މިފަދަ ނުރައްކާތެރި ޖަރީމާތަކުގައި ބައިވެރިވަމުންދާތީ އާންމުންގެ މެދުގައި ވަނީ ބޮޑު ނުރުހުމަކާއި ކަންބޮޑުވުމެއް އުފެދިފައެވެ.

    ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށީ ޕޮލިސް ގުޅިގެން 2026 އޮގަސްޓު 6 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، ކުޅުދުއްފުށީ އާރުޓީއެލް ފެރީ ޓާމިނަލުން ހައްޔަރުކޮށްފައިވަނީ ކުމުންދޫ ކައުންސިލް ރައީސްގެ ދަރިފުޅު، ޏ. ފުވައްމުލައް، ދޫޑިގަން. ކަރަންފޫގެ، މުޙައްމަދު އުމީން (19އ) އާއި، ކައުންސިލް ރައީސްގެ އެއްބަނޑު ކޮއްކޮ، ހދ. ކުމުންދޫ، ފަހިވާ، ޢާއިޝަތު ޢަލީ (30އ) އެވެ.

    މި ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 27 ސެލޯފިންކޮޅު ފެނިފައިވެއެވެ. މި ތަކެތީގެ ބަރުދަނުގައި 7.59 ގުރާމް ހުއްޓެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި މިއީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރާ ނެޓްވޯކެކެވެ. މި މައްސަލައިގައި ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އުމީން 15 ދުވަހަށް އަދި ޢާއިޝަތު ޢަލީ 7 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

    މީގެ އިތުރުން، އޮގަސްޓް 5 ވަނަ ދުވަހު ކުޅުދުއްފުށީ ބަނދަރު ސަރައްދުން ހިންގި އެހެން އޮޕަރޭޝަނެއްގައި ވެސް ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ހދ. ކުޅުދުއްފުށި، އުރަހަ، ޙުސައިން ނަޢީމް (44އ) އާއި ހދ. ކުޅުދުއްފުށި، ބަންޑާރަހިޔާ 002ޕީ، ޢަބްދުއްރަޙްމާން މުޙައްމަދު (45އ) އެވެ. އެ މީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ 30 ސެލޯފިންކޮޅު (9.71 ގުރާމް) ފެނިފައިވެއެވެ. ކޯޓުން ވަނީ މި ދެ މީހުން 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

    މި ހާދިސާއާ ގުޅިގެން އާންމުންގެ މެދުގައި ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ޚާއްޞަކޮށް، ރަށުގެ ރައްޔިތުންގެ އިތުބާރު ހޯދައިގެން ކައުންސިލްގެ ރައީސްކަން ކުރައްވާ ބޭފުޅެއްގެ އެންމެ ގާތް އާއިލީ މީހުން، މުޅި މުޖުތަމައު ހަލާކުކުރާ މިފަދަ ވިޔަފާރިތަކުގައި އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. "މިއީ މުޅި ރަށަށް ލިބުނު ހުތުރެއް. ކައުންސިލްގެ އިސްވެރިންގެ އާއިލާތަކުން މިފަދަ ނުބައި އަމަލުތައް ފެނުމަކީ ރައްޔިތުންގެ ސަލާމަތަށް އޮތް ބިރުވެރިކަމެއް،" ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި މީހަކު ބުންޏެވެ.

    ފުލުހުން ދަނީ މި ދެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.