
މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި އެންސްޕާއިން 90.1 މިލިއަން ރުފިޔާ ދޫކޮށްފި
މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް، ބޭސްފަރުވާގެ އެހީގެ ގޮތުގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން 90.1 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން އެ އިދާރާގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރާއްޖޭގެ ނޫހަކުން އެދުމުން އެންސްޕާއިން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މެޑިކަލް ވެލްފެއާ އެހީގެ ގޮތުގައި ޖުމްލަ 90,118,739.77 (ނުވަދިހަ މިލިއަން އެއްލައްކަަ އަށާރަހާސް ހަތްސަތޭކަ ތިރީސްނުވަ ރުފިޔާ ހަތްދިހަ ހަތް ލާރި) ވަނީ ދޫކޮށްފައެވެ.
މިއީ ސިއްހީ ފަރުވާ ހޯދުމުގައި އާސަންދައިން ފޯރުކޮށްދޭ އެހީތެރިކަމުގެ އިތުރަށް، އެކި ސަބަބުތަކާހުރެ އިތުރު އެހީތެރިކަން ބޭނުންވި ފަރާތްތަކަށް އެންސްޕާގެ ދަށުން ދީފައިވާ ފައިސާއެވެ. އެންސްޕާއިން އާއްމުކޮށް މިފަދަ އެހީތެރިކަން ފޯރުކޮށްދެނީ އާސަންދައިގެ ދަށުން ނުލިބޭ ބައެއް ބޭސްތަކާއި ތަކެތި ހޯދުމަށާއި، ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ބޭނުންވާ ޚާއްސަ އެހީތެރިކަމަށެވެ.
ވޭތުވެދިޔަ އަހަރުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2018 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުތަކުގެ ތެރޭގައި ސިއްހީ އެކި ކަންކަމުގެ ވެލްފެއާގެ ގޮތުގައި އެންސްޕާއިން ވަނީ ޖުމްލަ 2.06 ބިލިއަން ރުފިޔާ ދޫކޮށްފައެވެ. އޭގެ ތެރޭގައި 2024 ވަނަ އަހަރު ބޭސްފަރުވާ ހޯދުމަށް އާސަންދައިގެ އިތުރުން އެހީ ބޭނުންވި ފަރާތްތަކަށް 490.7 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، 2023 ވަނަ އަހަރުގެ ތެރޭގައި 360.4 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މުހިންމު ސިޔާސަތަކީ ސިއްހީ ފަރުވާގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ އެހީތެރިކަން އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމެވެ. މިގޮތުން ދިވެހި ރައްޔިތުންނަށް ބޭސްފަރުވާގެ ކަންކަމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށާއި، އެންސްޕާ މެދުވެރިކޮށް ދެމުންގެންދާ އެހީތެރިކަން މިހާރަށްވުރެ ހަރުދަނާ ނިޒާމެއްގެ ދަށުން ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
