Logo
image for article

    ސަފާރީއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއްވެ، ދެ މީހަކަށް ފަރުވާދޭން ފަށައިފި

    ހުޅުމާލެއާއި ކުރުނބާ މޯލްޑިވްސް ރިޒޯޓާ ދޭތެރޭގައި އޮތް "އެމްޕެރަރ އެކްސްޕްލޯރަރ" ނަމަކަށް ކިޔާ ސަފާރީއެއްގައި މިއަދު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

    މި ހާދިސާގައި އެ ސަފާރީގައި ވަރަށް ބޮޑަށް ރޯވެ، ބޯކޮށް ދުން އަރަމުންދާއިރު، ހާދިސާގެ ރިޕޯޓް ލިބުމާއެކު ކަމާބެހޭ ފަރާތްތަކުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ސަފާރީގެ ދެ ފަޅުވެރިއަކަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

    އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ކުރަމުންދާއިރު، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ފަށާފައެވެ. ސަފާރީގައި ރޯވި އަލިފާންގަނޑު ނިއްވުމުގައި ސިފައިންނާއި އާންމުންގެ އެހީތެރިކަންވެސް ދަނީ ލިބެމުންނެވެ.

    މި ހާދިސާގައި ސަފާރީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ. ނަމަވެސް، ހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލީ މައުލޫމާތެއް އަދި ރަސްމީ އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ. އުޅަނދުގައި ތިބި އެހެން މީހުންގެ ހާލު ރަނގަޅު ކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގެއެވެ.