
އެމްޑީޕީގެ " ރިމޯޓު" އިންޑިއާ އަތުގައި: ރިޔާސީ ކެނޑިޑޭޓު ހޮވަން ދެ ލީޑަރުން މޯދީގެ ފައިބުޑަށް!
ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހުން ފެންނަމުންދާ އެންމެ ހިތާމަވެރި މަންޒަރަކީ، ރާއްޖޭގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީ، ބޭރު ގައުމެއްގެ ނުފޫޒުގެ ދަށުވެ، އެ ގައުމެއްގެ ގޮދަނޑިބާރީގެ ގޮތުގައި މަސައްކަތް ކުރަމުންދާ ތަނެވެ. އެމްޑީޕީގެ ދެ ލީޑަރުން އިންޑިއާގެ ސަރުކާރާ ބައްދަލުކޮށް، ކުރިއަށް އޮތް ތަނުގައި ނެރޭނެ ކެނޑިޑޭޓަކު ކަނޑައެޅުމަށް ކުރާ މަސައްކަތަކީ، ދިވެހިންގެ ސިޔާދަތާއި މިނިވަންކަމަށް ކުރެވޭ މަލާމާތެކެވެ.
ވޭތުވެދިޔަ އެތައް އަހަރެއްގެ ތާރީޚަށް ބަލާއިރު، އެމްޑީޕީ ހިންގުމުގެ ހުރިހާ ބާރުތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ހިފަހައްޓާފައެވެ. މިކަމުގެ ސަބަބުން، އެމްޑީޕީއަކީ ދިވެހި ރައްޔިތުންގެ ވިންދާ ގުޅިފައިވާ ޕާޓީއެއްގެ ބަދަލުގައި، އިންޑިއާގެ އެޖެންޑާ ތަންފީޒުކުރާ މުއައްސަސާއަކަށް ވަނީ ބަދަލުވެފައެވެ. އެންމެ ކުޑަމިނުން އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކާއި، ޕާޓީގެ އިސް މަގާމުތަކަށް މީހުން އައްޔަންކުރުމުގެ އަމިއްލަ ބާރުވެސް މިއަދު އެ ޕާޓީގެ އަތަކު ނެތެވެ. މުޅި އެމްޑީޕީގެ "ރިމޯޓު" އޮތީ މޯދީގެ އަތުގައެވެ.
އެމްޑީޕީގެ ވޭތުވެދިޔަ ސަރުކާރަށް ބަލާއިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ކަން ހިނގާފައިވަނީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ފަދަ ގޮތަކަށެވެ. ގައުމުގެ އެންމެ ކުޑަކުޑަ ނިންމުމެއް ނިންމަން ޖެހުނަސް، ނުވަތަ މުހިންމު ސިޔާސަތެއް ކަނޑައަޅަން ޖެހުނަސް، ރައީސް ޞާލިޙަށް ޖެހިވަޑައިގަތީ މޯދީގެ ހުއްދަ ހޯއްދަވާށެވެ. މިއީ ދިވެހި ގައުމުގެ މިނިވަންކަން ބޭރު ބައެއްގެ އަތްމައްޗަށް ދޫކޮށްލުން ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟ އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ކަނޑާއި، ބިމާއި، ވައިގެ ސަރަހައްދުގައި އިންޑިއާގެ ބާރު ގަދަކުރީ ދިވެހި ރައްޔިތުންގެ ލާބަޔަކަށް ނޫނެވެ. އެއީ ހަމައެކަނި މޯދީ އުފާކޮށްދިނުމަށެވެ.
މިއަދު އެމްޑީޕީ ފެންނަނީ އިންޑިއާއާއި މޯދީގެ ކުރިމަތީގައި ކިޔަމަންތެރި "ޕަޕެޓެއް" ނުވަތަ ބުދެއްގެ ގޮތުގައެވެ. އަމިއްލަ ގައުމުގެ މަސްލަހަތަށްވުރެ ބޭރު ގައުމެއްގެ ރުހުން ހޯދުން އެމްޑީޕީގެ ލީޑަރުންނަށް މާ މުހިންމެވެ. މިކަމުގެ ސަބަބުން ދިވެހި ރައްޔިތުންގެ މެދުގައި އެމްޑީޕީއަށް އޮތް އިތުބާރު ގެއްލި، ނަފްރަތު ވަނީ އިތުރުވެފައެވެ.
އެމްޑީޕީގެ ލީޑަރުން އިންޑިއާއަށް ގޮސް އެ ގައުމުގެ އިރުޝާދުގެ ދަށުން ކެނޑިޑޭޓުން ހޮވުމަކީ، ދިވެހި ޑިމޮކްރަސީއަށް ޖެހުނު ބޮޑު ކަޅު ތިއްކެކެވެ. މިއީ ދިވެހި ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ފިތުނަ އުފައްދައި، ގައުމުގެ ހަމަޖެހުން ނަގާލުމަށް ކުރެވޭ މަސައްކަތެކެވެ. ދިވެހި ގައުމުގެ މުސްތަގުބަލު ކަނޑައަޅާނީ ދިވެހި ރައްޔިތުންނެވެ. އެއީ ނިއުދިއްލީގައި ތިބޭ ބަޔަކު ބޭނުންވާ ގޮތަށް، އެމްޑީޕީ ފަދަ ޕަޕެޓް ޕާޓީތަކުން ނިންމާނެ ކަމެއް ނޫނެވެ.
ހަގީގަތަކީ، އެމްޑީޕީއަކީ މިއަދު ދިވެހިރާއްޖޭގެ މިނިވަންކަމަށް އޮތް އެންމެ ބޮޑު ނުރައްކަލެވެ. ބޭރު ގައުމެއްގެ ފައިބުޑަށް ތިރިވެ، ގައުމު ވިއްކާލަން ތައްޔާރަށް ތިބި ބަޔަކަށް ދިވެހި ގައުމުގެ ހުންގާނު ދިނުމަކީ، އަޅުވެތިކަމުގެ ކަސްތޮޅުގައި އަމިއްލައަށް ބަންދުވުމެވެ.
