Logo
image for article

    މަސްތުވާތަކެތީގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް އަމުރެއް ނެރެފި

    މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ތަނެއް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް އަމުރެއް ނެރެފިއެވެ.

    ކްރިމިނަލް ކޯޓުން މި ތާރީޚީ އަމުރު ނެރެފައިވަނީ މާލޭގެ ގެއެއް ކަމަށްވާ ހ. ގުންޒަރު ބަންދުކުރުމަށެވެ. ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، އެ ތަން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 90 ދުވަހުގެ މުއްދަތަށެވެ.

    މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން ހުއްޓުވުމަށްޓަކައި، އެފަދަ ތަންތަން 24 ގަޑިއިރަށް ބަންދުކުރުމުގެ ނޯޓިސް ނެރުމުގެ ބާރު ފުލުހުންނަށް ވަނީ ދީފައެވެ. އަދި އެގޮތަށް ބަންދުކުރެވޭ ތަންތަން، ގިނަވެގެން ތިން މަސް ދުވަހަށްވުރެ އިތުރު ނުވާނެހެން ބަންދުކުރުމުގެ އަމުރު ނެރުމުގެ ބާރު ކޯޓުތަކަށް ލިބޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ. މި އިސްލާހަށް އަމަލުކުރަން ފަށާފައިވަނީ 2024 މާރިޗު 7 ގައެވެ.

    މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައިވާ ގޮތުން، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ބޮޑު ކުށެކެވެ. އެ ކުށަށް 5 އަހަރުގެ ޖަލު ހުކުމަކާއި ގިނަވެގެން 100،000 ރުފިޔާގެ ޖޫރިމަނާއެއް ކަނޑައެޅިފައިވެއެވެ.

    މީގެ އިތުރުން، އެ ތަނަކީ މަސްތުވާތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަނެއްކަން އެނގިހުރެ، އެކަން ހުއްދަކުރުން ނުވަތަ އެކަން ހިނގިޔަދިނުމަކީ ވެސް ކުށެކެވެ. މިފަދަ ހާލަތްތަކުގައި އެ ތަނުގެ ވެރިފަރާތް، ކުއްޔަށް ހިފައިގެން އުޅޭ ފަރާތް، ނުވަތަ އެ ތަނާ ހަވާލުވެ ހުރި ފަރާތް ވެސް ކުށްވެރިވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށް، އެ ފަރާތްތަކަށް ވެސް ހަރުކަށި އަދަބުތައް ވަނީ ކަނޑައަޅާފައެވެ.

    މިއީ މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ގާނޫނީ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.