Logo
image for article

    އީސީގެ އިންޒާރާއެކު ޕީއެންއެފް ހަރަކާތުގެ ނަން "ތާއިދު ކުރާ ރައްޔިތުންގެ ހަރަކާތަށް" ބަދަލުކޮށްފި

    އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފައިވާ އިންޒާރާ ގުޅިގެން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފައްދަވާފައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ކުރިއަށްގެންދާ މަގުމަތީ ހަރަކާތްތަކުގެ ނަން ބަދަލުކޮށްފިއެވެ.

    މި މަހުގެ 4 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ، ޕީއެންއެފުން މާލޭގައި ސިލްސިލާކޮށް ބާއްވަމުންދާ އެއްވުންތަކުގައި ގާނޫނާ ހިލާފު އަމަލުތައް ތަކުރާރުވާނަމަ، ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދީފައެވެ. މި އިންޒާރަށްފަހު، މިހާރު އެ ހަރަކާތްތައް ކުރިއަށް ގެންދަނީ "ޕީއެންއެފްއަށް ތާއިދު ކުރާ ރައްޔިތުން ކުރިއަށްގެންދާ މަގުމަތީ ހަރަކާތް" މި ނަމުގައެވެ.

    މިކަމާ ގުޅޭގޮތުން ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް، ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، މިހާރު ކުރިއަށްދާ އެއްވުންތަކަކީ ސީދާ ޕާޓީގެ ރަސްމީ ހަރަކާތްތަކެއް ނޫން ކަމަށެވެ. "ޕީއެންއެފްއަށް ތާއިދު ކުރާ ފަރާތްތަކުން ހިންގާ ސިޔާސީ މަސައްކަތަށް ޕީއެންއެފުން ހުރަސް ނާޅާނެ،" މަލީހު ވިދާޅުވިއެވެ.

    ނަމަވެސް، ރޭގެ ވަގުތެއްގައި "ޗެނަލް 13" އިން ލައިވްކޮށް ގެނެސްދިން އެއްވުމުގެ ފެށުމުގައި ސްކްރީނުން ފެންނަން އޮތީ "ޕީއެންއެފްއިން ބާއްވާ މަގުމަތީ ހަރަކާތް" ކަމަށެވެ. އެކަމަކު ހަރަކާތް ކުރިއަށް ދަނިކޮށް، ކުއްލިއަކަށް އެ ނަން ބަދަލުކޮށް "ޕީއެންއެފްއަށް ތާއިދު ކުރާ ރައްޔިތުން ކުރިއަށް ގެންދާ މަގުމަތީ ހަރަކާތް" ކަމަށް ވަނީ ބަދަލުކޮށްފައެވެ.

    މީގެ ކުރިން މި ހަރަކާތްތައް މާލޭގެ މަގުތަކުގައި ކުރިއަށް ގެންގޮސްފައިވަނީ "ޕީއެންއެފްއިން ބާއްވާ މަގުމަތީ ހަރަކާތުގެ" ނަމުގައެވެ. މި ބަދަލަކީ އީސީގެ ގާނޫނީ ފިޔަވަޅުތަކުން ސަލާމަތްވުމަށް އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.