Logo
image for article

    ލަންކާގައި ދިރިއުޅޭ ދިވެހިންގެ ވިސާގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

                          

    ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ ވިސާގެ ދަތިތަކަށް ދާއިމީ ޙައްލެއް ލިބޭނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

    ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސްރީލަންކާއަށް މިހާރު ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގައި ދިރިއުޅެމުންދާ ދިވެހި ޢާއިލާތަކާ ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

    މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވިދާޅުވީ، ސްރީލަންކާގެ ރައީސްއާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކުގައި، ދިވެހިންނަށް ވިސާ ހޯދުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވަރަށް ފުޅާދާއިރާއެއްގައި ވާހަކަދެކެވުނު ކަމަށެވެ. އަދި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައިވެސް މިކަމަށް ލުޔެއް ހޯދުމަށް ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރައްވާފައިވާނެ ކަމަށާއި، މިހާރު ސްރީލަންކާ ސަރުކާރުން މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދޭނެ ކަމުގެ ފުރިހަމަ އިތުބާރު ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

    މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން އައު ފުރުޞަތުތަކެއް ހޯދުމަށް ކުރެއްވި މުހިއްމު ދަތުރުފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، ސްރީލަންކާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗެއް ހުޅުވުމަށް ކުރެވެމުންދާ މަސައްކަތްތަކަށްވެސް އުންމީދީ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.

    ލަންކާގައި ދިރިއުޅޭ ދިވެހިންގެ އިޖުތިމާޢީ މަރުކަޒު، "ސޯސަން ވިލާ" އާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެތަނުގެ ޙާލަތު ރަނގަޅުކޮށް، ދިވެހިންނަށް އެންމެ ފައިދާހުރި ގޮތަށް އެތަން ތަރައްޤީ ކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އެގޮތުން ސޯސަން ވިލާގެ އިމާރާތް މަރާމާތުކުރުމާއި، ކުޅިވަރު ކުޅޭނެ ވަޞީލަތްތަކާއި ކްލާސްރޫމްތައް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރަށްރަށުގައި ތަރައްޤީކުރާ ފަދަ ޒަމާނީ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އެތަނުގައި ޤާއިމުކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

    މި ބައްދަލުވުމުގައި ސްރީލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވެފައިވާއިރު، އެމީހުންނަށް ދިމާވާ އެކި ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ވަނީ ވަކިވަކިން އޮޅުންފިލުއްވައި، އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.