
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ގުރުއަތުލުން ބުދަ ދުވަހު ބާއްވަނީ
އަންނަ ޖޫން މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން އަންނަ ބުދަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
މި އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ދެ ބޭފުޅެއްގެ ފޯމު އެ ކޮމިޝަނުން ވަނީ ބަލައިގެންފައެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ކުރިމަތިލެއްވި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަޙްމަދު ސައީދު (ސޮޑާ) އާއި އިދިކޮޅު އެމްޑީޕީގެ ފަރާތުން ކުރިމަތިލެއްވި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ، ކެންޑިޑޭޓުންގެ މެދުގައި ގުރުއަތުލުން ކުރިއަށްދާނީ އަންނަ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި އިންތިޚާބާ ބެހޭ މަރުކަޒުގެ ޓްރެއިނިންގ ހޯލުގައެވެ.
އީސީން ވަނީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ގުރުއަތުލާ ތަނަށް ހާޒިރުވުމަށް އެދިފައެވެ.
އަދި ކެންޑިޑޭޓަށް އަމިއްލައަށް ހާޒިރުވެވެން ނެތް ނަމަ، ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްގެ ފުރިހަމަ ނަމާއި، އެޑްރެސް އަދި އައިޑީކާޑު ނަންބަރު ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއަކާއި ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑުގެ އަސްލު ގެންދަން ޖެހޭނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.
