
އިންތިހާބު ނުބާއްވައިފި ނަމަ އެމްޑީޕީ ރޫޅި މަސްލަހަތު މާ ބޮޑަށް ގޯސްވާނެ: ރައީސް ނަޝީދު
އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމާއި ޚިޔާލުތަފާތުވުންތަކުގެ ތެރެއިން، ޕާޓީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު ނުބާއްވައިފިނަމަ ޕާޓީގެ މަސްލަހަތު މާ ބޮޑަށް ގޯސްވެ، ޕާޓީ ރޫޅިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޒާރު ދެއްވައިފިއެވެ.
ޗެއާޕާސަން އިންތިހާބުގެ ފޯރިގަދަވެފައިވާ ދަނޑިވަޅެއްގައި، ކެމްޕޭނަށް ތ. ކިނބިދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ޕާޓީގެ އެތެރެއިން އެކި ފަރާތްތަކުގެ ޝަކުވާތަކާއި ހިތްހަމަނުޖެހުންތައް އިންތިހާއަށް އިތުރުވަމުންދާ ކަމަށެވެ. އަދި މި ޝަކުވާތަކަށް އޮތް ހަމައެކަނި ދާއިމީ ހައްލަކީ ޕާޓީގެ ހިންގުމަށް ބޮޑު ބަދަލެއް ގެނައުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޕާޓީގެ އެތެރޭގައި އޮތް ބައިބައިވުމާ ގުޅޭގޮތުން އާންމު މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، ކޮންމެ ކަމެއްގައި ވެސް ދެބަސްވުމެއް ނުވަތަ ޒުވާބެއް ހިނގައިފިނަމަ އެކަމުގެ އަސަރު ދެމިގެންދާނެ ކަމަށެވެ. ނަމަވެސް، މި ވަގުތު އިންތިހާބެއް ބޭއްވުން މަޖުބޫރުވަނީ ޕާޓީގެ ތެރޭގައި އޮތް ނުތަނަވަސްކަން ސާފުވާނީ އޭރުން ކަމަށްވާތީ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ހޯދަން ވެގެން މި އުޅެނީ މޮޅުވީ ކާކުތޯ. މޮޅުވީ ކާކުތޯ ސާފުކޮށް އިނގުނީމަ ޒުވާބު ކުޑަވާނެ. އޭރުން އިނގޭނެތާ އެކަކު މޮޅުވެއްޖެކަން އަނެކަކު ބަލިވެއްޖެކަން. ބަލަން ތިބި މީހުންނަށް އިނގޭނަތާ މޮޅުވި މީހާ މޮޅުވި މިންވަރާއި. އަޅުގަނޑު ދެކޭ ގޮތުގައި މި އިންތިހާބު ނުބާވައިފިއްޔާ މާ ގޯސް. މަސްލަހަތު މާ އުނދަގޫ،" ޕާޓީގެ އެތެރޭގެ ކޯޅުންތަކަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި އެމަނިކުފާނާ މެދު ވެސް ހިތްހަމަނުޖެހޭ ބަޔަކު ތިބިކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި ޗެއާޕާސަންގެ އިންތިހާބަކީ ޕާޓީގެ ތާއީދު އޮތީ ކޮން ފަޅިއަކަށްތޯ ބަލާނެ "މިންގަނޑެއް" ކަމަށާއި، މި އިންތިހާބު ނުބާއްވައި ލަސްކޮށްފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު އަތުން ނެއްޓި، އިތުރަށް ގޯސްވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ މުވައްސަސާގެ ގޮތުގައި ސިފަކުރައްވަމުން ނަޝީދު ވިދާޅުވީ، ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނާ އޮތް ގުޅުން ދެމެހެއްޓުމަށްޓަކައި މި އިންތިހާބު ބޭއްވުން ނޫން ގޮތެއް މިހާރު ނެތް ކަމަށެވެ.
