Logo
image for article

    ފޮރުވަން ހެޔޮނުވާވަރު ތަނެއްގައި މަސްތުވާތަކެތި ފޮރުވައިގެން އެތެރެކުރި އަންހެނަކު ހައްޔަރުކޮށްފި

    މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު ދިވެހި އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި އަންހެނެކެވެ.

    މި އަންހެންމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ވަނީ މިދިޔަ ބުރާސްފަތި ދުވަހު 30 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. ކޯޓު އަމުރުގައިވާ ގޮތުން، އޭނާގެ ހަށިގަނޑު އެކްސްރޭ ކޮށްގެން ބެލިބެލުމުން، ކުރިމަތިފަރާތުގައި އެއްޗެއް ފޮރުވާފައި ހުރިކަމަށް ވަނީ ދައްކާފައެވެ. މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން އެއީ ކޮކޭން ކަމަށް އޭނާ އަމިއްލައަށް އިއުތިރާފުވެފައިވާ ކަމަށްވެސް އަމުރުގައިވެއެވެ.

    މީގެ އިތުރުން، އޭނާ ލައިގެން ހުރި ޖީންސާއި ހަށިގަނޑާ ދޭތެރޭގައި ފޮރުވާފައި އިން ޕްލާސްޓިކް ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 30 ރަބަރު ކޮތަޅު ވަނީ ފެނިފައެވެ. ފުލުހުން ބެލިބެލުމުން މި ތަކެތީގެ ވަގުތީ ބަރުދަނުގައި 31 ގްރާމް ހުރިކަން ކޯޓު އަމުރުން އެނގެން އޮވެއެވެ.