Logo
image for article

    މިނިސްޓަރު އިހުސާނަށް ރުހުން ދިން މައްސަލަ ހޫނުވެ، އެމްޑީޕީގެ މަޖިލިސް މެންބަރުންގެ މެދުގައި ބޮޑު ރެނދެއް!

    ހޯމް މިނިސްޓަރު އަލީ އިހުސާނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށް އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވޯޓު ދިން މައްސަލާގައި، އެ ޕާޓީގެ އާންމު މެންބަރުންނާއި އެކްޓިވިސްޓުންގެ މެދުގައި ބޮޑު ނުރުހުމެއް އުފެދި، ޕާޓީގެ ތެރޭގައި އޮތް އިތުބާރު ގެއްލި ފިތުނަވެރިކަން އުފެދިއްޖެއެވެ.

    އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު އިހުސާނަށް ރުހުން ދޭން ފެންނަ ކަމަށް އެމްޑީޕީގެ 10 މެންބަރަކު ވޯޓު ދެއްވުމާ ގުޅިގެން، ޕާޓީގެ ސަޕޯޓަރުން ވަނީ ސޯޝަލް މީޑިއާގައި އެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުކިޔައި، އެއީ ޕާޓީގެ އުސޫލުތަކާ ހިލާފު ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ. މި މައްސަލަ ހޫނުވުމާ އެކު، ވޯޓު ދެއްވި ބައެއް މެންބަރުން މިހާރު ވަނީ އާންމުންގެ ކިބައިން މާފަށް އެދެން ފަށާފައެވެ.

    މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި އެންމެ ފުރަތަމަ މާފަށް އެދިވަޑައިގަތީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އެންމެ ނުފޫޒުގަދަ މެންބަރުގެ ގޮތުގައި އެކްޓިވިސްޓުން ސިފަކުރާ ޝަމްހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިހުސާނާއި އެހެން ބައެއް ވަޒީރުންނަށް ރުހުން ދިނުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށާއި، އެކަމުގެ ފުރިހަމަ ޒިންމާ އުފުލައި މައާފަށް އެދޭ ކަމަށެވެ.

    ޝަމްހީދަށް ފަހު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވެސް ވަނީ މިއަދު އާންމުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާފައެވެ. ކުޑޫ ވިދާޅުވީ އިހުސާނަށް ވޯޓު ދިނުމުގައި ވަރަށް ބޮޑު ގޯހެއް ހެދިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެއީ ތާއީދުކުރާތީ ދެއްވި ވޯޓެއް ނޫން ކަމަށެވެ. އަދި އެ ވަގުތު އެކަމާ މެދު އެންމެ ފުންކޮށް ނުވިސްނާ އަމަލުކުރެވުނީތީ ހިތާމަކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

    އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އިއްޔެ ނިންމާފައި އޮތީ ތިން މިނިސްޓަރަކަށް ރުހުން ނުދިނުމަށެވެ. އެއީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، އެންވަޔަރްމެންޓް މިނިސްޓަރު އަލީ ޝަރީފްގެ އިތުރުން ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދެވެ. އެހެން މިނިސްޓަރުންނަށް ވޯޓު ދިނުމުގައި މެންބަރުންނަށް ފެންނަ ގޮތަކަށް އަމަލުކުރުމުގެ ފުރުސަތު (ގްރީން ވިޕް) ދިނުމުން، ގިނަ މެންބަރުން އިހުސާނަށް ރުހުން ދިނުމަށް ވޯޓު ދެއްވީއެވެ.

    ނަމަވެސް، "އަދަދު" ނޫހުގެ އޮފީސް ރެއިޑްކުރުމާއި، ގައުމީ ޔުނިވާސިޓީގެ ދަނާލުގައި މަރުވި ޒުވާނާގެ ޒާތީ މައުލޫމާތު އާންމުކުރި މައްސަލާގައި އިހުސާނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް، އެމްޑީޕީގެ މެންބަރުން އޭނާއަށް ރުހުން ދިނުމުން ޕާޓީގެ އެތެރޭގައި ވަނީ ބޮޑު ފިތުނައެއް އުފެދިފައެވެ. އިއްޔެގެ ވޯޓުގައި އިހުސާނަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެކަންޏެވެ.

    މި މައްސަލާގައި އެމްޑީޕީގެ ކުރީގެ ބައެއް މަޖިލިސް މެންބަރުންނާއި އާންމު މެންބަރުން ބުނަމުންދަނީ، މިއީ ޕާޓީގެ ލީޑަޝިޕުންނާއި ޕާލަމެންޓްރީ ގްރޫޕުން ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭނެ ކަމެއް ކަމަށެވެ. މެންބަރުންގެ މި އަމަލުގެ ސަބަބުން އެމްޑީޕީގެ އެތެރޭގެ ބާރުވެރިކަމަށް ބޮޑު ލޮޅުމެއް އަރާފައިވާކަން މިހާރު ވަނީ ފާހަގަކުރެވިފައެވެ.