
ކުންފުނިތަކުން ވަކިވާ މުވައްޒަފުންނަށް އާމްދަނީ ހޯދައިދޭން ލުއި ލޯނު ދޫކުރަނީ
ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން (އެސްއޯއީ) ވަކިވާ މުވައްޒަފުންނަށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުމަށްޓަކައި ލުއި ލޯނު ދޫކުރުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ކުންފުނިތަކުން ވަކިވާ މުވައްޒަފުންނަށް އިޤްތިސޯދުގައި ބައިވެރިވެ އާމްދަނީ ހޯދޭނެ ގޮތްތައް ރާއްވަވަމުން ގެންދަވާ ކަމަށެވެ. އެގޮތުން، ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ޚާއްސަ ދާއިރާތަކުން ލޯނު ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލަފާ ދެއްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި، އެކި ދާއިރާތަކަށް ޚާއްސަކޮށް މިހާރުވެސް 250 މިލިއަން ރުފިޔާ ރިލީޒްކުރެވިދާނެއެވެ. އަދި މިކަމަކީ ކުންފުނިތައް "ޑައުންސައިޒް" ކުރާއިރު، އެމީހުންނަށް އާމްދަނީ ހޯދޭނެ އިތުރުގޮތްތައް ފަހިކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ކަމާގުޅޭ އެހެނިހެން އިދާރާތަކާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
"ރައީސް ޑރ. މުޢިއްޒުގެ ޕޮލިސީއަކީ އިގްތިސާދުގެ ސޯބު ނުހުއްޓި އެނބުރޭނެ ގޮތަކަށް އިންތިޒާމުތައް ކުރިއަށްގެންދިއުން،" ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އިތުރު 450 މިލިއަނެއްހާ ރުފިޔާ ހަމަޖެހިގެން ދާނެ ކަމަށާއި، އެ ފައިސާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި (އެސް.އެމް.އީ) ތަކުގެ ގޮތުގައި އިގްތިސާދުގެ ތެރެއަށް ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ކުންފުނިތަކުގެ ހަރަދު ކުޑަކުރާ ދަނޑިވަޅުގައި، ޕްރައިވެޓް ސެކްޓަރގެ ވަޒީފާތައް އިތުރުކޮށް، ވަޒީފާގެ ބާޒާރަށް ދިވެހިން ނެރުމަށް އެހީތެރިވުމެވެ. މިގޮތުން ވިޔަފާރިތައް ފުޅާކުރުމަށް ބޭނުންވާ ފައިނޭންސިންގް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް މާލީ ވުޒާރާއިން ފާހަގަކުރެއެވެ.
