
މާލޭ ގެއެއްގެ 10 ވަނަ ފަންގިފިލާއިން ވެއްޓުނު މީހާ މަރުވެއްޖެ
މާލޭގެ ގެއެއްގެ 10 ވަނަ ފަންގިފިލާއިން ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު ބިދޭސީ މީހާ، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ އިރުއޮއްސޭހާއިރު، މާފަންނު ސަބުދެލިމަގުގައި ހުންނަ ގެއެއްގައެވެ. މި ހާދިސާގައި 10 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅުމައްޗަށް ވެއްޓިފައިވަނީ އުމުރުން 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
އެ ހާދިސާގައި ލިބުނު ސީރިއަސް އަނިޔާތަކާ ގުޅިގެން، އޭނާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުންދިޔައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި، އޭނާ މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މި މަހުގެ 10 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
