
އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ ރައީސް ޔާމީން އިންނަވާނީ ޖަލުގައި: ފަލާހު
އެމްޑީޕީގެ ވެރިކަމެއްގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިނިވަންކަމާއެކު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތެއް ނޯންނާނެ ކަމަށާއި، އެ ޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ އެމަނިކުފާނު ޖަލަށްލުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއް އޮތްނަމަ މިއަދު ރައީސް ޔާމީން، ޑރ. މުޙައްމަދު ޖަމީލް އަޙްމަދާއި މަލީހް ޖަމާލް ފަދަ ބޭފުޅުންނާއެކު މައިކު ހިއްޕަވައިގެން ސިޔާސީ ވާހަކަދައްކަވަން ތިއްބެވުމުގެ ފުރުޞަތު ނުލިބޭނެ ކަމަށެވެ.
"ރައީސް ޔާމީން މިއަދު އެ މައިކު ކަންޑު ހިފާގެން އެތާ ޖަމީލާ މަލީހާ ގޮވައިގެން އިދެވުނީސްތޯ އެމްޑީޕީ ވެރިކަމުގަ އޮތް ނަމަ؟ ޖަލުގަ އިންނަވާނީ. މާދަމާ އެމްޑީޕީއަށް ވެރިކަން ލިބުނަސް ރައީސް ޔާމީން އިންނާނީ ޖަލުގަ،"
ފަލާހު އިތުރަށް ވިދާޅުވީ އެމްޑީޕީގެ ފަރާތުން ޢަދުލުއިންސާފު ޤާއިމުނުކުރާނެ ކަމަށާއި، އެމްޑީޕީގެ ވެރިކަމެއް އަތުވެއްޖެނަމަ ސިޔާސީ ހުރިހާ ފަރާތްތަކެއް ހައްޔަރުކޮށް ޖަލަށްލާނެ ކަމަށެވެ. އަދި މިހާރުވެސް އެމްޑީޕީގެ ފަރާތުން ބިރުދެއްކުންތައް ކުރިމަތިވަމުންދާކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ، ވެރިކަން ލިބިއްޖެނަމަ މިހާރު ތިއްބެވި ބޭފުޅުންގެ މުދަލާއި އެއްޗެހި އަތުލައި ޖަލަށްލާނެ ކަމުގެ އިންޒާރު ލިބެމުންދާ ކަމަށެވެ.
ވޭތުވެދިޔަ ފަސް އަހަރުގެ އެމްޑީޕީ ސަރުކާރުގައި އެ ބޭފުޅުންގެ މައްސަލަތައް ބަލައި، އެއްވެސް ޤާނޫނާ ޚިލާފު ކަމެއް ފެނިފައި ނުވާކަން ފަލާހު ފާހަގަކުރެއްވިއެވެ. "ނުފެންނާނެ އިއްޒަތްތެރި ރައީސް. ހަލާލު މަސައްކަތުން ހަލާލު ގޮތުގައި ހޯދާފަ ހުންނާނީ. ނުފެންނާނެ އެއްވެސް އެއްޗެއް،" އޭނާ ވިދާޅުވިއެވެ.
ފަލާހުގެ މި ވާހަކަތަކަކީ މިހާރުގެ ސަރުކާރާއި އިދިކޮޅު އެމްޑީޕީއާ ދެމެދު ސިޔާސީ މަސްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައި، މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވަރުގަދަ ވާހަކަތަކެކެވެ.
