
މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްޤު ނިގުޅައިގަތީ ނިމިދިޔަ ސަރުކާރުން: މެންބަރު ޙުސައިން ޝަރީފް
މާލެ ސިޓީގައި ވަޒަންވެރިވެފައިވާ އެތައް ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްޤާއި އެހެނިހެން ހައްޤުތައް ނިގުޅައިގަތީ ނިމިދިޔަ އެމް.ޑީ.ޕީ ސަރުކާރުން ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
މިއަދު ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ބިމާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙަށް ބަހުސް ކުރައްވަމުން މެންބަރު ޙުސައިން ޝަރީފް ވިދާޅުވީ، މިއަދު މަޖިލީހަށް ހުށަހެޅިފައިވާ ބިލަކީ މުޢާމަލާތްވާ ކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމަށްޓަކައި ގެނެވިފައިވާ، އަދި ވާހަކަދައްކައިގެން ހައްލެއް ހޯދަންޖެހޭ މުހިންމު ބިލެއް ކަމަށެވެ.
ބޯހިޔާވަހިކަމާއި ބިންވެރިކުރުމުގެ މައްސަލަތައް ކުރިމަތިވި ސަބަބުތަކަށް އަލިއަޅުވާލައްވަމުން މެންބަރު ވިދާޅުވީ، ދައުލަތެއް ހިންގާއިރު އެއް ސަރުކާރުން އަނެއް ސަރުކާރަށް ބަދަލުވެގެން އަންނައިރު، ކުރީގެ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދައިދިނުމަކީ އަންނަ ސަރުކާރަކަށް ލާޒިމުކަމެއް ކަމަށެވެ. ނަމަވެސް، ނިމިދިޔަ ސަރުކާރުން ކަންކަން ކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް އެނގެނީ އިސްލާމީ ޝަރީއަތަށް ބަލާކަމުގައި ވާނަމަވެސް، އަޅުގަނޑުމެންނަކަށް ނޭނގޭ އެއްޗެއް ކިހިނެއްތޯ ދޭނީ؟ ކަނޑުގަ ހުރި މަސްތަކެއް އަޅުގަނޑުމެން ކިހިނެއްތޯ ވިއްކާނީ؟ ނުބާނާ މަހެއް ކިހިނެއްތޯ ވިއްކާނީ؟" ނިމިދިޔަ ސަރުކާރުން ބިން ނެތް ތަންތަނުން ގޯތި ދޫކުރި ކުރުމަށް އިޝާރާތް ކުރައްވަމުން މެންބަރު ވިދާޅުވިއެވެ.
މެންބަރު ޙުސައިން ޝަރީފް އިތުރަށް ވިދާޅުވީ، މާލޭ ސިޓީގައި ދިރިއުޅޭ ލޮބުވެތި ރައްޔިތުންނަށް ހަގީގީ ހައްލެއް ހޯދައިދޭން ބަލާއިރު، އެމް.ޑީ.ޕީ ސަރުކާރުން ވީ އިހުމާލަށްވުރެ ބޮޑު އިހުމާލެއްވީ ބަޔަކު މި ގައުމުގައި ވެރިކަން ކޮށްފައިނުވާ ކަމަށެވެ. އަދި މާލޭގައި ދާއިމަށް ވަޒަންވެރިވެފައިވާ އެތައް ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމުގެ ޒިންމާ ނަގަންޖެހޭނީ ނިމިދިޔަ ސަރުކާރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
