Logo
image for article

    އެމްޑީޕީ ކޮޅަށް ޖެހީ އަޅުގަނޑު: ގަފޫރު

    އިންތިޚާބުތަކުން އެމްޑީޕީ ފެއިލްވެ، ޕާޓީ މަގުމަތިވި ދުވަހު ޕާޓީ އަލުން ކޮޅަށް ޖަހައިދިން މީހަކީ އޭނާ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

    ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ވާހަކަދައްކަވަމުން ޣަފޫރު ވަނީ ޕާޓީގެ އެތެރޭގެ ބައެއް ކަންކަން ހިނގައިދިޔަ ގޮތުގެ ތަފްސީލްތައް ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ތިން އަހަރު ދުވަހު އިންތިޚާބުތަކުންނާއި ބައި-އިލެކްޝަންތަކުން ފެއިލްވެ ޕާޓީ ވަރަށް ބޮޑަށް ބަލިކަށިވެފައި ވަނިކޮށް، ޕާޓީ އަލުން ނަގައި ކޮޅަށް ޖެހީ އޭނާ އިސްވެ ހުރެގެން ކުރި މަސައްކަތުންނެވެ.

    ޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ، ކެމްޕެއިން ކޮމިޓީގެ ފަރާތުން ރާއްޖޭގެ އެކި ސިޓީތަކަށް ވަޑައިގަތުމަށް ރައީސް ނަޝީދަށް ދައުވަތު އެރުވި ކަމަށެވެ. ނަމަވެސް އެމަނިކުފާނު އެ ދަތުރުތަކުގައި ވަޑައިގަތުމަށް ފުރަތަމަ ދެކޮޅު ހެއްދެވި ކަމަށް ޣަފޫރު ފާހަގަކުރެއްވިއެވެ.

    ރައީސް ނަޝީދު އެ ރަށްތަކަށް ވަޑައިގަންނަވަން ފެއްޓެވީ އެމްޑީޕީގެ ކެމްޕެއިން ޓީމުން އައްޑޫ އާއި އެހެނިހެން ސިޓީތަކަށް ދަތުރުކޮށް، އެ ސަރަހައްދުތަކުން ފެނުނު ބޮޑު ތަރުހީބާއި "ކްރައުޑް" ފެނުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

    މާލޭގައި ކުރިއަށްދިޔަ ކެމްޕެއިން ހަރަކާތްތަކާ ގުޅޭގޮތުން ޣަފޫރު ވިދާޅުވީ، ކެމްޕެއިން ޓީމުތަކާއެކު ރައީސް ނަޝީދު ވަޑައިގަތުމަށް ވަރަށް ބޮޑަށް އަދޭސްކުރި ނަމަވެސް އެމަނިކުފާނު ވަޑައިނުގަންނަވާ ކަމަށެވެ. މީގެ އިތުރުން ޒަރިޔަންދަށް ލިބުނު ވޯޓަކީ ޔާމީނުގެ ވޯޓެއް ނޫން ކަމަށާއި، އެކަން ހިނގައިދިޔަ ގޮތް ޕާޓީގެ މީހުންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

    ޖަލްސާތަކުގައި ވާހަކަދެއްކުމުގެ ފުރުސަތާ ގުޅޭގޮތުން ޣަފޫރު ވިދާޅުވީ، ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ރައީސް ނަޝީދުވެސް ޖަލްސާގައި ވާހަކަދެއްކުމުގެ ފުރުސަތަކަށް އެދިވަޑައިގެން ގުޅުއްވި ކަމަށެވެ. ނަމަވެސް ޕާޓީގެ ކަންކަން ނިންމަނީ އަމިއްލައަށް ނޫން ކަމަށްވުމުން، އެކަމަށް މަޝްވަރާކޮށް ގޮތެއް ނިންމަން ވަގުތުކޮޅެއް ދިނުމަށް އެދިވަޑައިގެންފައި ވަނިކޮށް، މާ ގިނަ އިރުތަކެއް ނުވަނީސް ޖަލްސާ ބޮއިކޮޓް ކުރިކަމުގެ ޚަބަރު ފެތުރިގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

    ޣަފޫރު ވިދާޅުވީ މިއަދުގެ ހަގީގަތަކީ ޕާޓީ އަލުން ކޮޅަށް ޖެހިފައި އޮތުން ކަމަށާއި، ކުރިއަށް އޮތް ތަނުގައި ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.