Logo
image for article

    84 މިލިއަން ރުފިޔާ ހޭދަކޮށް ހެދި އަމީނީ މަގު ދެ އަހަރު ނުވަނީސް ބޮޑުބައެއް ހަލާކުވެއްޖެ

    މާމާލޭގެ އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން އެންމެ ފަހުން ތާރު އެޅި ސަރަހައްދު، ދެ އަހަރު ނުވަނީސް ދުއްވާ އެއްޗެއްސަށް ނުރައްކާވާ މިންވަރަށް ހަލާކުވެއްޖެއެވެ.

    މި މައްސަލަ ބޮޑަށް ކުރިމަތިވެފައިވަނީ ހާބަރު ފުޑްކޯޓު ބިއްދޮށަށް އޮންނަ އަމީނީ މަގުގެ އެންމެ ފަހު ސެގްމަންޓަށެވެ. ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ އަމީނީ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށެވެ. މި މަގުގެ އެންމެ ފަހު ސެގްމަންޓުގައި ތާރު އަޅައި ބޭނުންކުރަން ފެށިފަހުން އަދި މިވީ ދެ އަހަރެއްހާ ދުވަހެވެ.

    އަމީނީ މަގަކީ މާލޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް މަގަށްވާއިރު، މި ސަރަހައްދަކީ ގިނަ އަދަދެއްގެ އުޅަނދުފަހަރުގެ އިތުރުން ޑަބަލްޑެކާ ބޮޑެތި ބަސްތައް ވެސް ދެކޮޅަށް ދަތުރުކުރާ ސަރަހައްދެކެވެ. މަގުގެ ދެ ފަރާތުން ތާރުގަނޑު އެކި ގޮތްގޮތަށް އުފުލި "މުލިހި" ތަކެއްހެން ހުރުމުގެ ސަބަބުން، މަގުން ދުއްވާ މީހުންނަށް ވަނީ ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައެވެ.

    މީގެ ކުރިން ވެސް މި ސަރަހައްދުގައި ތާރުގަނޑު ރާޅުބާނިތަކެއްހެން އުފުލުމުގެ މައްސަލަ ދިމާވެގެން، މިދިޔަ ސެޕްޓެމްބަރު މަހު މަރާމާތުކޮށްފައިވެއެވެ. ނަމަވެސް، މާގިނަ ދުވަސްތަކެއް ނުވެ އަނެއްކާވެސް ތާރުގަނޑު މިވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ކުއްލިއަކަށް އެފަދަ ތަނަކަށް އުޅަނދެއް އަރައިފިނަމަ، ކަހައިލައި ނުވަތަ ފުރޮޅައިލައިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުގެ ބިރު އޮތްކަމަށް އާންމުން ބުނެއެވެ.