
ދުވާފަރު ބަހުލޫލު އައުޓް ވެއްޖެ
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ރ. ދުވާފަރު ކައުންސިލަށް ވާދަކުރި، އެމްޑީޕީގެ މުޒާހަރާތަކުގައި "ބަހްލޫލް" ބަނދި ކިޔައިގެން މަޝްހޫރުވި މަރިޔަމް ޔަސްފާއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
އެމްޑީޕީގެ މުޒާހަރާތަކުގައި "މަޝްއަ ކައިރިނުވާށޭ" ކިޔައި ބަނދި ކިޔަމުންދިޔަ ޔަސްފާއަކީ އެ ރަށުގެ ސިޔާސީ ހަރަކާތްތަކުގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. ނަމަވެސް، މި ފަހަރުގެ އިންތިޚާބުގައި ދުވާފަރުގެ ރައްޔިތުން ވަނީ އޭނާއަށް ނޫނެކޭ ބުނެފައެވެ.
ރަށުތެރޭގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު، ޔަސްފާ ކިޔަމުންދިޔަ ބަނދީގައި "މަޝާ ކައިރިނުވާށޭ" ބުނެފައިވާތީ، ދުވާފަރުގެ ގިނަ ރައްޔިތުން ވަނީ އޭނާ ބުނި ބުނުމާ އެއްގޮތަށް އޭނާއާ ގާތްނުވުމުގެ ގޮތުން ވޯޓު ނުދީ "އައުޓް" ކޮށްލާފައެވެ.
މި އިންތިޚާބުގައި ޔަސްފާއަށް ލިބިފައިވަނީ އެންމެ 743 ވޯޓެވެ.
ޔަސްފާއަށް މި ގޮނޑި ގެއްލުނުއިރު، ދުވާފަރު ކައުންސިލްގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރީ ވެރިކަން ކުރާ ޕީއެންސީންނެވެ. އެގޮތުން އިންތިޚާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ދެ ކެންޑިޑޭޓުން ކަމަށްވާ ފާތިމަތު ނުޒުހާއަށް 1،141 ވޯޓު ލިބިވަޑައިގެންނެވިއިރު، އައިޝަތު ފާޒިރާއަށް ލިބިވަޑައިގެންނެވީ 960 ވޯޓެވެ.
