Logo
image for article

    އެމްޑީޕީ އެންމެން ދެކޮޅުވިޔަސް އިސްތިއުފާ ނުދޭނަން: ގަޕޯ

    އެމްޑީޕީގެ ގައުމީ މަޖިލީހުގެ އަޣުލަބިއްޔަތު މެންބަރުން އޭނާއާ ދެކޮޅަށް ތެދުވި ނަމަވެސް، މަގާމުން އިސްތިއުފާ ދެއްވަންޖެހޭ އެއްވެސް ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށް އެ ޕާޓީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) މިއަދު ވިދާޅުވެއްޖެއެވެ.

    މިއަދު މެންދުރުގެ ވަގުތެއްގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 123 މެންބަރުންގެ ތެރެއިން 55 މެންބަރުން ވަނީ ސޮއިކޮށް، ގަފޫރު ވަގުތީ ޗެއާޕާސަންގެ މަގާމުން ވަކިކުރުމުގެ ވޯޓަށް އެހުމަށް ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް އެދި ހުށަހަޅާފައެވެ. ގަފޫރު ވަކިކުރުމުގެ މި މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެންމެ ފަހުން ޗެއާޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލަށް ތާއީދުކުރާ ފެކްޝަނުންނެވެ.

    މި މައްސަލަ ހޫނުވެފައިވަނީ ދާދިފަހުން ބޭއްވި ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގެ އެޖެންޑާގައި ރައީސް ނަޝީދު ވާހަކަދައްކަވާ ގޮތަށް ހިމަނާފައި ނުވުމުންނެވެ. އޭގެ އިތުރުން، އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފާއި، ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބްރޭ) މަގާމުން ވަކިކުރުމާ ގުޅިގެން ޕާޓީގެ އެތެރޭގެ މަސްލަހަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މި ދެ ބޭފުޅުން ވަކިކުރި ކަމުގެ ލިޔުމުގައި އެއްވެސް ސަބަބެއް ބަޔާންކޮށްފައެއް ނުވެއެވެ.

    މިކަމާ ގުޅިގެން 'ދައުރު' ނޫހުން ސުވާލު ކުރުމުން ގަފޫރު ވިދާޅުވީ، އިސްތިއުފާ ދޭންޖެހޭ ވަރުގެ އެއްވެސް ކަމެއް އޭނާ ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި މައުރޫފާއި އިބްރާހީމް ވަހީދު ވަކިކުރަން ނިންމެވީ، އެއީ ޗެއާޕާސަން ކަނޑައަޅާ މަގާމުތަކަކަށް ވެފައި، ޕާޓީ ހިންގުމުގައި އޭނާއަށް އެއްބާރުލުން ނުދޭތީ ކަމަށް ގަފޫރު ތަފްސީލުކޮށްދެއްވިއެވެ.

    "އަޅުގަނޑަށް އެއްބާރުލުން ނުދޭތީވެ އަޅުގަނޑު އެ ބޭފުޅުން ވަކިކުރީ. ޕާޓީ ހިންގަން ހަވާލުވެ ހުންނަ މީހަކަށް އެއްބާރުލުން ނުލިބޭ ނަމަ، މަސައްކަތް ކުރިއަށް ނުގެންދެވޭނެ،" ގަފޫރު ވިދާޅުވިއެވެ.

    މި މައްސަލައިގައި ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ގިނަ އަދަދެއްގެ މެންބަރުން ގޮވާލަމުންދާއިރު، އެމްޑީޕީގެ އެތެރޭގެ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ.