
55 މެމްބަރުންގެ ސޮޔާއެކު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ގަފޫރު އިސްތިއުފާ ދެއްވުމަށް ހުށަހަޅައިފި
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ގަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ 55 މެމްބަރުންގެ ސޮޔާއެކު ހުށަހެޅުމާ ގުޅިގެން، އޭނާ ވަގުތުން އިސްތިއުފާ ދެއްވުމަށް އެ ޕާޓީގެ އާންމު މެމްބަރުންނާއި އިސް ފަރާތްތަކުން ގޮވާލައިފިއެވެ.
މި މައްސަލަ ހުށަހަޅާފައިވަނީ 55 މެމްބަރުންގެ ސޮޔާއި، އޭގެ އިތުރުންވެސް ގިނަ އަދަދެއްގެ މެމްބަރުންގެ ތާއީދާއެކުގައެވެ.
އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ މި ނުތަނަވަސްކަމާ ގުޅިގެން އެ ޕާޓީން ބުނެފައިވަނީ، މިހާ ގިނަ އަދަދެއްގެ މެމްބަރުންގެ އިތުބާރު ނެތްކަން ހާމަވެފައިވާ ދަނޑިވަޅެއްގައި، އެންމެ ރިވެތި ގޮތަކީ މަގާމުގެ މަސްލަހަތަށްޓަކައި އަވަހަށް އިސްތިއުފާ ދެއްވައި އެއްފަރާތްވެވަޑައިގަތުން ކަމަށެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދެއްކި އެމްޑީޕީގެ އިސް މެމްބަރަކު ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް ޑިމޮކްރެޓިކް އުސޫލުތަކަށް ތަބާވާ ޕާޓީއެއް ކަމަށެވެ. އަދި ޕާޓީގެ ތެރޭގައި ކަންކަން ގޯސްކޮށް ހިނގާނަމަ، އެކަންކަން އިސްލާހުކުރުމަށްޓަކައި ތެދުވަން ކެރޭނެ ފަދަ ހިތްވަރުގަދަ މެމްބަރުން އެ ޕާޓީގައި ތިބިކަން މި ހުށަހެޅުމުން ސާބިތުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެމްޑީޕީއަކީ ގޯސް ހަދަންޏާ އެކަން ރަނގަޅުކުރަން މެމްބަރުންނަށް ތެދުވަން ކެރޭ ޕާޓީއެއް. ވީމާ، 55 މެމްބަރުންގެ ސޮޔާއި އިތުރު މެމްބަރުންގެ ތާއީދާއެކު އިތުބާރު ނެތްކަމަށް ހުށަހެޅުމުން، ދެން އޮތް އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދެއްވުން،" އެމްޑީޕީގެ ފަރާތުން މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ.
މި މައްސަލަ ހުށަހަޅާފައި މިވަނީ ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމަށާއި، މެމްބަރުންގެ އިތުބާރު އޮތް ފަރާތަކާ ޕާޓީގެ ޒިންމާތައް ހަވާލުކުރުމުގެ ބޭނުމުގައެވެ. މި ހުށަހެޅުމާ މެދު ގަފޫރު އަދި ރަސްމީކޮށް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް ޕާޓީގެ ގިނަ މެމްބަރުން ތިބީ މި ބަދަލަށް ތައްޔާރުވެގެން ކަމަށް ބެލެވެއެވެ.
