Logo
image for article

    ކުޅުދުއްފުށީ މޭޔަރު ހިލޭ އަންހެނަކާއެކު އެކަހެރި ސަރަޙައްދެއްގައި އޮއްވައި އަތުލައިގަނެފި: ރަށުތެރޭގައި ބޮޑު ހަމަނުޖެހުމެއް

    ރަމަޟާން މަހުގެ ފަހު ދިހައެއްގެ ބަރަކާތްތެރި ރޭތަކުގެ ތެރެއިން، ރޭ ދަންވަރު ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް، ހިލޭ އަންހެން ކުއްޖަކާއެކު އެކަހެރި ސަރަޙައްދެއްގައި ސޯޚު އަމަލެއްގައި އޮއްވައި އަތުލައިގަނެ، އެ ސިޓީގައި ބޮޑު ހަމަނުޖެހުމެއް ހިނގައިފިއެވެ.

    މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 3:00 ހާއިރު، ގިނަ ބަޔަކު ދަމުނަމާދަށް ދިއުމަށް ތައްޔާރުވަމުންދިޔަ ވަގުތެއްގައެވެ.

    ކުޅުދުއްފުށީ އެއާޕޯޓް ސަރަޙައްދުގެ އެކަހެރި ދިމާލެއްގައި އާތިފްގެ ކާރުގައި އަންހެން ކުއްޖަކު ގޮވައިގެން އޮއްވައި ރަށުގެ ބަޔަކަށް ފެނިގެން އެ ސަރަޙައްދަށް މީހުން އެއްވިއެވެ. މިކަން އެނގުމާއެކު އެ އަންހެން ކުއްޖާގެ ބައްޕަ އެތަނަށް ގޮސް، އަމިއްލަ ދަރިފުޅު އެ ހާލަތުން ސަލާމަތްކޮށް ކާރުން ބޭލުމަށް ކުރި މަސައްކަތަށް މޭޔަރު ވަނީ ހުރަސްއަޅާފައެވެ. ކާރުގެ ދޮރުތައް ތަޅުލައިގެން އިނދެ، އާއިލާގެ އިހުސާސްތަކަށް ބެލުމެއްނެތި އާތިފް ވަނީ އެކުއްޖާ ގޮވައިގެން ބާރު މިނުގައި ކާރު ދުއްވާފައި ގޮސްފައެވެ.

    މި ހާދިސާ އިތުރަށް ގޯސްވެގެން ދިޔައީ، މޭޔަރުގެ ދިފާއުގައި އެމް.ޑީ.ޕީއަށް ނިސްބަތްވާ އޭނާގެ ސަޕޯޓަރުންތަކެއް ނުކުމެ، ކާރު ފަހަތުން ދިޔަ އާންމު ރައްޔިތުންގެ ސައިކަލުތަކުގައި ޖައްސައި ހަމަލާދޭން ފެށުމުންނެވެ. އަދި މޭޔަރުގެ ސަޕޯޓަރުން ވަނީ ބައެއް އާންމު ރައްޔިތުންނަށް ހަމަލާދީ ލޭ އޮހޮރުވާފައެވެ.

    މަސްލަހަތު ރައްކާތެރިކުރުމަށް ފުލުހުން އެ ސަރަޙައްދަށް ހާޒިރުވެ، ވާހަކަދައްކައިގެން މައްސަލަ ހައްލުކުރަން އުޅުމުންވެސް، މޭޔަރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބި، އޭނާ ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ކާރު ދުއްވާފައި ގޮސް ޕޮލިސް ސްޓޭޝަން ތެރެއަށް ވަދެގަނެފައެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުގައި، އެތަނަށް އެއްވެ ތިބި ރައްޔިތުންނަށް ފިލައިގެން، ފުލުހުންގެ ހިމާޔަތުގައި އެ އަންހެން ކުއްޖާ ވަނީ ސިއްރުން ގެއަށް ފޮނުވާލާފައެވެ.

    ރަމަޟާން މަހުގެ 29 ވިލޭރޭ، މުޅި ރަށުގެ ރައްޔިތުން އަޅުކަމުގައި މަޝްއޫލުވެ އުޅުނު ވަގުތެއްގައި، ސިޓީގެ އެންމެ އިސްވެރިޔާގެ ފަރާތުން ފެނިގެންދިޔަ މި ދަށުދަރަޖައިގެ އަމަލުގެ ސަބަބުން ކުޅުދުއްފުށީގެ ރައްޔިތުން ތިބީ އިންތިހާއަށް ނުރުހުންވެފައެވެ.

    ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ދެވަނަ ދައުރަކަށް އެމް.ޑީ.ޕީގެ ޓިކެޓުގައި ކުރިމަތިލައްވައިގެން ހުންނެވި އާތިފްގެ މައްޗަށް މީގެ ކުރިންވެސް ކުރެވެމުންދިޔަ އަޚުލާޤީ ތުހުމަތުތަކަކީ ހަޤީޤަތެއްކަން މި ހާދިސާއިން ސާފުވެއްޖެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މިފަދަ ލަދުވެތި އަމަލެއް ހިންގުމަށްފަހު، ރައްޔިތުންގެ ކުރިމަތީގައި އިތުރަށް ދައްކާނެ އުޒުރެއް ނެތްކަމަށް ބުނެ ގިނަ ބަޔަކު ދަނީ އޭނާގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.