Logo
image for article

    ދެ އިންތިޙާބު އެއްދުވަހަކު ބޭއްވުމަކީ އިންތިޙާބުތަށް އެއްކޮށްލުމެއް ނޫން :ބަންޑާރަނައިބު

    ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހަކު ބޭއްވުމަށް ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމަކީ ދެ އިންތިޚާބު އެއްކޮށްލުން ނޫން ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ބަންޑާރަނައިބު މިހެން ވިދާޅުވީ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

    އުޝާމް ވިދާޅުވީ ދެ އިންތިޚާބު އެއްކޮށްލަނީ ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށެވެ. ރާއްޖޭގައި މިއޮތީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަނޑައަޅާފައިވާ ރިޔާސީ ނިޒާމެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ރިޔާސީ ނިޒާމެއްގެ ސިފަތަކަށް ބަދަލު އަންނަ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހުތަކެއް ގެނެވިފައިވާ ކަމަށެވެ.

    އަދި ބައެއް ބޭފުޅުންގެ މެދުގައި މިއީ ފުރިހަމަ ރިޔާސީ ނިޒާމެއްތޯ ސުވާލު އުފެދުނު ކަމުގައި ވީނަމަވެސް، ރައްޔިތުން ނިންމާފައިވަނީ ރާއްޖޭގައި އޮންނާނީ ރިޔާސީ އިންތިޚާބެއް ކަމަށެވެ.

    ބަންޑާރަނައިބު އިތުރަށް ތަފްސީލުކޮށްދެއްވި ގޮތުގައި، ރިޔާސީ ނިޒާމެއްގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށާއި މަޖިލިސް މެންބަރުން ހޮވުމަށް ރައްޔިތުން ވޯޓުލަނީ ވަކިންނެވެ. އެހެންކަމުން، ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ދެ އިންތިޚާބު އެއްދުވަހަކު ބޭއްވި ކަމުގައި ވީނަމަވެސް، އެއީ ދެ އިންތިޚާބު އެއްކޮށްލުން ކަމަށް ނުބެލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

    "އެއްދުވަހަކު ދެ އިންތިޚާބު އޮތް ނަމަވެސް، މި ގާނޫނު ރައްޔިތުންގެ ވޯޓާ އެކީ ތަސްދީގުވެގެން ދިޔަ ކަމުގައި ވީނަމަވެސް، ރައްޔިތުންނަށް ވަކިން ދެ ވޯޓު ކަރުދާސްކޮޅެއް ލިބޭނެ.

    ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރުމަށްޓަކައި ވަކި ކަރުދާސްކޮޅެއް، އަދި ރައްޔިތުންގެ މަންދޫބަކީ ކޮބައިކަން ކަނޑައެޅުމަށް ވަކި ކަރުދާސްކޮޅެއް ލިބިވަޑައިގަންނަވާނެ،" އުޝާމް ވިދާޅުވިއެވެ.

    އުޝާމް ވިދާޅުވީ ގޮތުގައި އިންތިޚާބު އެއްކޮށްލަނީ ކަމަށް ބުނެ ދެކެވޭ ވާހަކައަކީ އެއްވެސް އަސާސެއް އޮތް ވާހަކައެއް ނޫން ކަމަށާއި، މި ބަދަލުގެ ސަބަބުން ރައްޔިތުންގެ ވޯޓު ދިނުމުގެ ހައްގަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށެވެ.