Logo
image for article

    ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާ ދެނެގަތުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

    އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީއަކީ ކާކުކަން ދެނެގަތުމަށްޓަކައި، އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ އެކަން ހިއްސާކޮށްދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

    ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިގެން ރިޕޯޓުކޮށްފައިވަނީ 2026 މާރިޗު 13 ވަނަ ދުވަހުގެ ހަވީރު 16:41 އެހައިކަންހާއިރުއެވެ. މި ރިޕޯޓު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް، އެ މީހާގެ ހަށިގަނޑު ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

    މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، މަރުވެފައިވާ މީހާއަކީ ބޭރު ގައުމަކަށް ނިސްބަތްވާ މީހެއްކަމަށް ބެލެވޭ ދޮން ނަސްލުގެ ފިރިހެނެއް ކަމަށެވެ. ނަމަވެސް، އެއީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށާއި، އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ މީހަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓެއްވެސް މިހާތަނަށް ފުލުހުންނަށް ލިބިފައި ނުވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

    މި މީހަކީ ކާކުކަން ދެނެގަތުމަށް އެހީތެރިވެދެވޭނެ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، ނުވަތަ އެ ސަރަހައްދުގައި ނުވަތަ ގެސްޓް ހައުސްއެއްގައި، ރިޒޯޓެއްގައި ނުވަތަ ސަފާރީއެއްގައި އުޅޭ ޓޫރިސްޓެއް ނުވަތަ ބިދޭސީއެއްގެ ޚަބަރެއް ނުވެގެން އުޅޭނަމަ، ލަސްނުކޮށް ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.