
އެލްޖީއޭގެ ރިޕޯޓުން ތިނަދޫ ކައުންސިލުގެ ބޮޑެތި ޚިޔާނާތްތަކެއް ހާމަވެއްޖެ؛ ސިޓީގެ އަބުރު ސަލާމަތްކުރަން ޕީއެންސީއަށް ވޯޓުދޭން މެމްބަރު ސައުދުالله ގޮވާލައިފި
ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލުގެ ހިންގުމާ ގުޅޭ ގޮތުން ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން އެކުލަވައިލި އިންކުއަރީ ރިޕޯޓެއްގައި ކައުންސިލުން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ހާމަވެއްޖެއެވެ. މިކަމާ ގުޅިގެން ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވީ، ކައުންސިލުގެ އަމަލުތަކުން ސިޓީއަށް ލިބުނު ބަދުނާމުން މިންޖުވެވޭނެ ހަމައެކަނި ގޮތަކީ ކުރިއަށް އޮތް އިންތިޚާބުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުން ކަމަށެވެ.
މެންބަރު ސައުދުﷲ މިފަދައިން ވިދާޅުވީ ތިނަދޫ ކައުންސިލުގެ ހިންގުމުގެ މައްސަލަތައް ފާހަގަކޮށް އެލްޖީއޭއިން ތައްޔާރުކުރި ރިޕޯޓުގެ މައިގަނޑު ކަންބޮޑުވުންތައް ރައްޔިތުންނާ ހިއްސާކުރައްވައި ފޭސްބުކްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ.
ތިނަދޫ ސިޓީ ކައުންސިލަކީ އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ، އަދި އެމްޑީޕީގެ މޭޔަރަކު ހުންނެވި ކައުންސިލެކެވެ. 2021 ވަނަ އަހަރު ރަށު ކައުންސިލެއްގެ ގޮތުގައި އިންތިޚާބުވި ނަމަވެސް، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ތިނަދޫ ސިޓީއަކަށް ބަދަލުކުރުމާ ގުޅިގެން ރަށު ކައުންސިލް ވަނީ ސިޓީ ކައުންސިލަކަށް ބަދަލުވެފައެވެ.
އެލްޖީއޭއިން މި ރިޕޯޓު އެކުލަވައިލީ ތިނަދޫ ކައުންސިލާ ގުޅޭ 19 މައްސަލައެއް ބެލުމަށްފަހުގައެވެ. މި މައްސަލަތަކާ ގުޅިގެން މޭޔަރު ސައުދު އަލީ ތިން މަސްދުވަހަށް އަދި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ އެއް މަސްދުވަހަށް ވަނީ ސަސްޕެންޑުކޮށްފައެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި:
ރަށްވެހިކަން ބަދަލުކުރުމަށް ފީ ނުނެގުމަށް އަންގާފައިވަނިކޮށް، ގަވާއިދާ ހިލާފަށް 5،000 ރުފިޔާގެ ފީއެއް ނެގުން.
މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކުރުމާއި، ފިނޭންސް މިނިސްޓްރީގެ ހުއްދަނެތި ބިޑް ކޮމިޓީ މެންބަރުންނަށް އެލަވެންސް ދިނުން.
ސަރުކާރުގެ އިދާރާތަކަށް ލިޔެކިޔުން ދިނުމަށް އިންކާރުކުރުމާއި، އިއުލާނުކުރުމެއްނެތި މުވައްޒަފުން ވަޒީފާއަށް ނެގުން.
ވަކި ފަރާތަކަށް މަންފާވާގޮތަށް ލޯންޗެއް ގަތުމާއި، މުވައްޒަފުންނަށް ނުފޫޒު ފޯރުވުން.
ސިޓީ ކައުންސިލް ރަސްމީކޮށް ވުޖޫދުނުވަނީސް، މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ މުސާރަ ނެންގެވުން.
ސައުދުﷲ ވިދާޅުވީ މިއީ ހަމައެކަނި އިދާރީ މައްސަލަތަކެއް ނޫން ކަމަށާއި، މިއީ ސީދާ ފަސާދައިގެ އަމަލުތަކެއް ކަމަށެވެ. އަދި މި މައްސަލަތައް އެންޓި-ކޮރަޕްޝަން ކޮމިޝަނުންވެސް ބަލަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
"މިފަދަ ބަޔަކަށް މިކަހަލަ ކަންކަން ކުރަން އިތުރު ފުރުސަތެއް ތިނަދޫ ރައްޔިތުން ދޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. ޕީއެންސީ ކެންޑިޑޭޓުންނަށް ވޯޓު ދެއްވައިގެން ތިނަދޫ ރައްޔިތުން މިފަދަ ނޭއްގާނީ ކަންކަމުންނާއި ބަދުނާމުން ސަލާމަތް ކުރެވެން އެބައޮތް،" ސައުދުﷲ ވިދާޅުވިއެވެ.
މެންބަރު ސައުދު އިތުރަށް ވިދާޅުވީ، ތިނަދޫގެ ތަރައްގީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް އެއްބާރުލުންދޭނެ މޭޔަރަކާއި ކައުންސިލަރުންތަކެއް އިންތިޚާބުކުރުމަކީ ސިޓީގެ އަނބުރާއި ކުރިއެރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
