
މަސްތުވާތަކެތީގެ މައްސަލައެއްގައި ތ. އަތޮޅުން ދެ މީހަކު ހައްޔަރުކޮށްފި
ތ. އަތޮޅުގެ ދެ ރަށެއްގައި ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ކިނބިދޫ / ޗަންޕާމާގެ، ޢަބްދުﷲ ރަޝީދު (41އ) އާއި ތ. ބުރުނި / ބީޗްވިލާ، މުޙައްމަދު މުނީރު (30އ) އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ޢަބްދުﷲ ރަޝީދު ހައްޔަރުކޮށްފައިވަނީ މި މާރިޗު މަހުގެ 9 ވަނަ ދުވަހު ކިނބިދޫ މަގުމަތިންނެވެ. އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ކަރުދާސްކޮޅެއް ފެނިފައިވެއެވެ.
މުޙައްމަދު މުނީރު ހައްޔަރުކޮށްފައިވަނީ ހަމަ އެ ދުވަހު ބުރުނީ ބަނދަރު ސަރަހައްދުންނެވެ. އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަ ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ޢަބްދުﷲ ރަޝީދު 10 ދުވަހަށް އަދި މުޙައްމަދު މުނީރު ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މި ދެ މައްސަލަވެސް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް އަތޮޅުތެރޭގައި މިހާރު ވަނީ ވަރުގަދަކޮށްފައެވެ.
