Logo
image for article

    އެމްޑީޕީ ވެރިކަމުން ފޭބިއިރު އެސްޑީއެފްގައި އޮތީ 2 މިލިއަން ޑޮލަރު، މިހާރު 275 މިލިއަން ޑޮލަރަށް އިތުރުވެއްޖެ: ރައީސް

    ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރު ނިމުނުއިރު، ދައުލަތުގެ ސޮވެރިން ފަންޑު (އެސްޑީއެފް) ގައި ހުރީ އެންމެ 2 މިލިއަން ޑޮލަރު ކަމަށާއި، ނަމަވެސް މިހާރު އެ ފަންޑުގައި 275 މިލިއަން ޑޮލަރު އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

    ރައީސް މުޢިއްޒު މިކަން ހާމަކުރެއްވީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާ ގުޅޭގޮތުން މިއަދު އިއްވެވި ރިޔާސީ ބަޔާނުގައެވެ. ރައީސް ވިދާޅުވީ ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި ޚާއްޞަކޮށްފައިވާ މި ފަންޑަށް މިހާ ބޮޑު ކުރިއެރުމެއް ގެނެވުނީ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

    މިގޮތުން، އެސްޑީއެފް ފަންޑު އިތުރުކުރުމަށްޓަކައި އެއާޕޯޓް ޑިވަލޮޕްމެންޓް ފީ ބޮޑުކޮށް، އެ ފަންޑަށް ޖަމާކުރާ ޑޮލަރުގެ މިންވަރު އިތުރުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ރައީސް ވިދާޅުވީ މި ބަދަލާއެކު ފަންޑަށް ވަންނަ ފައިސާ އިތުރުވެ، އިގްތިސާދީ ގޮތުން ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.

    މީގެ އިތުރުން، އަންނަ އަހަރުގެ އޭޕްރީލް މަހު ދައްކަންޖެހޭ 150 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމަށްޓަކައިވެސް އެސްޑީއެފްގައި ހުރި ފައިސާ ބޭނުންކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ރާއްޖޭގެ މާލީ އިތުބާރު ބޭރުގެ ދުނިޔޭގައި ދެމެހެއްޓުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެއެވެ.

    ރައީސް ވިދާޅުވީ، ފިސްކަލް ހާލަތު ރަނގަޅުކޮށް ދައްކަން ހުރި ދަރަނިތައް ދައްކަން މިހާރަށް ވުރެ ލުއިގޮތްތަކެއް ހޯދަން ޗައިނާއިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ފަސްކުރެވުނު ކަމަށެވެ. އަދި ރިޒާވަށް އިތުރުކުރެވުނު އިންޑިއާގެ ކަރެންސީ ސްވޮޕް ފެސިލިޓީ ވެސް ރޯލްއޯވާ ކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ

    މިދިޔަ އަހަރު ސަރުކާރުން ވަނީ އަބޫދާބީ ފަންޑް ފޯ ޑިވަލޮޕްމެންޓުން 2018 ވަނަ އަހަރު ނެގި 100 މިލިއަން ޑޮލަރުގެ ބޮންޑު ދެއްކުން ވެސް އިތުރު ފަސް އަހަރަށް ފަސްކޮށްފަ އެވެ

    ރައީސް މުޢިއްޒުގެ ސަރުކާރުން ދަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށާއި، ޚަރަދު ކުޑަކޮށް އާމްދަނީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން އެސްޑީއެފް ފަންޑު ވަރުގަދަކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒެވެ.