Logo
image for article

    ރިޔާސީ ބަޔާން އިއްވިޔަ ނުދީ ހުރަސް އަޅަން އެމްޑީޕީ އިން ތައްޔާރު ވެއްޖެ

             

    ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ހުޅުވުމަށް ބާއްވާ ޚާއްޞަ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވެވުމަށް ހަމަޖެހިފައި ވަނިކޮށް، އެކަމަށް ހުރަސްއެޅުމަށް އިދިކޮޅު އެމްޑީޕީން ތައްޔާރުވަމުންދާ ކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.

    މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެމްޑީޕީން ދަނީ މަޖިލީހުގެ ތަޅުމުގެ ތެރޭގައި އަޑުގަދަކޮށް، ރައީސުލްޖުމްހޫރިއްޔާގެ ބަޔާން އިއްވުމަށް ހުރަސް އެޅުމަށްޓަކައި އެކި ޒާތުގެ ސާމާނު މަޖިލީހަށް ވެއްދުމަށް ރާވަމުންނެވެ. މިގޮތުން މަޖިލިސް ކުރާ ގޭގެ ތެރޭގައި އަޑުގަދަކުރުމަށްޓަކައި ބޭނުންކުރާނެ ތަކެތި ހޯދުމުގެ މަސައްކަތް އެ ޕާޓީގެ ބައެއް ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

    މިކަމާ ގުޅޭގޮތުން ލިބުނު އިތުރު މަޢުލޫމާތުތަކަށް ބަލާއިރު، މިރޭގެ ވަގުތެއްގައި އެމްޑީޕީއަށް ނިސްބަތްވާ ގިނަ ބަޔަކު ވަނީ މާލޭގެ ކުޑަކުދިންގެ ކުޅޭ ސާމާނު ވިއްކާ ފިހާރަތަކަށް ގޮސްފައެވެ. އަދި އެ ފިހާރަތަކުން ދުންމާރި އާއި އެ ނޫންވެސް ބާރަށް އަޑުގަދަކުރާ ޒާތުގެ ކުޅޭ ތަކެތި ގިނަ އަދަދަކަށް ގަނެފައިވާ ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ.

    އިދިކޮޅު ފަރާތްތަކުން މިފަދަ ކަމަކަށް ތައްޔާރުވަމުން މިދަނީ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޑރ. މުޙައްމަދު މުޢިއްޒު ޙަވާލުވެވަޑައިގަތުމަށްފަހު އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނަށް ހުރަސްއަޅައި، ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުންނަށް އިއްވުމަށް ހުރަސް އެޅުމުގެ މަޤްޞަދުގައެވެ.

    އެމްޑީޕީގެ މެންބަރުން މިފަދަ ކަމަކަށް ރާވަމުންދަނީ، ސަރުކާރުގެ ބައެއް ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ކަމަށް އެ ޕާޓީގެ ބައެއް މަސްދަރުތަކުން ބުނެއެވެ. ނަމަވެސް، ރިޔާސީ ބަޔާނަކީ ދައުލަތުގެ އެންމެ މަތީވެރިޔާ ރައްޔިތުންނަށް ދެއްވާ މުހިންމު މެސެޖަކަށް ވީހިނދު، އެކަމަށް ހުރަސްއެޅުމަކީ ޑިމޮކްރެޓިކް އުޞޫލުތަކާ ޚިލާފު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ