
މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފި
މާލޭގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު މީހަކު ހައްޔަރުކޮށްފިއެވެ. "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ލ. ހިތަދޫ، ހަފުލާ، ޢަލީ މުފާވިޒް (21އ) އެވެ.
ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ ގޭންގު ކްރައިމް ސަޕްރެޝަން ޔުނިޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މުފާވިޒް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.
މި އޮޕަރޭޝަންގެ ތެރެއިން، މާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 614 ގުރާމްގެ ތަކެތި ފެނިފައިވެއެވެ. މީގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 125,000 އަށް ވުރެ ގިނަ ރުފިޔާ ވެސް އެ އެޕާޓްމަންޓުން ފުލުހުން ވަނީ ހޯދާފައެވެ.
މި މައްސަލައާ ގުޅިގެން ޢަލީ މުފާވިޒްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
