Logo
image for article

    ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކޮށް ކުންފުންޏެއްގެ އެކައުންޓުން ފައިސާ ނެގި މައްސަލާގައި އިތުރު ބަޔަކު ހައްޔަރުކޮށްފި

    މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް (ހެކްކޮށް)، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބެންކު އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާ މައްސަލައެއްގައި އިތުރު ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ

    މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އަލަށް ހައްޔަރުކޮށްފައިވަނީ ސ. ހުޅުދޫ / ނާދީ، މުނާޛު ޖައުފަރު (24އ) އާއި، ގދ. ގައްދޫ / އަތިރީއައްސޭރި، މުޙައްމަދު ނާއިޝް ނަބީލް (24އ) ގެ އިތުރުން ސ. ހިތަދޫ / ހާލަމް، ޙަސަން ވިއާމް (19އ) އެވެ.

    ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، މި މީހުން

    ހައްޔަރުކުރީ މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ބޭނުންކޮށްގެން، އެ މީހާގެ ހިއްސާ އޮންނަ ކުންފުނީގެ އެކައުންޓުން 279,600 އަށްވުރެ ގިނަ ރުފިޔާ ނަގާފައިވާ ކަމަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ފުލުހުން ހިންގަމުންދާ މި ޚާއްޞަ އޮޕަރޭޝަންގައި ގޭންގު ކްރައިމް އިންވެސްޓިގޭޝަން ޔުނިޓާއި، ތިނަދޫ ސިޓީ ޕޮލިސް އަދި އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ވަނީ ބައިވެރިވެފައެވެ.

    ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުނާޛު ޖައުފަރު 15 ދުވަހަށް، މުޙައްމަދު ނާއިޝް ނަބީލް ހަތް ދުވަހަށް އަދި ޙަސަން ވިއާމް 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

    މީގެއިތުރުން، މި މައްސަލައާ ގުޅިގެން މީގެ ކުރިން ހައްޔަރުކޮށްފައިވާ ގއ. ކަނޑުހުޅުދޫ / ފޫހިވާގެ، މުޙައްމަދު ޢަލީ (42އ) ގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ އިތުރު 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

    މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އެންޓި ސްކޭމް ސެންޓަރަކީ މިފަދަ މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ހަރުދަނާ ކުރަމުންދާ ދާއިރާއެކެވެ.