
ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފުވަމުލައް ސިޓީން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުވައްމުލައް ސިޓީގައި ބަނގުރާ އުފައްދާ ކަމަށް ބެލެވޭ ތަކެތި ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި ތަކެތި ފެނިފައިވަނީ މަސްތުވާތަކެއްޗާއި ބަނގުރަލާ ދެކޮޅަށް ފުވައްމުލައް ސިޓީ ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން، މި ޖަނަވަރީ މަހުގެ 29 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނަކީ އެ ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރި އާއި އޭގެ ބޭނުންކުރުން ހުއްޓުވުމަށް ފުލުހުން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ބައެކެވެ.
ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި، މި އޮޕަރޭޝަންގައި ފުވައްމުލައް ސިޓީގެ އެކި ސަރަހައްދުތަކުގެ ވަލުތެރެ ވަނީ ވަރަށް ބޮޑަށް ބަލައިފާސްކޮށްފައެވެ. މި ބަލައިފާސްކުރުމުގެ ތެރެއިން، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ފުޅިތަކަކާއި، ގިނަ އަދަދެއްގެ ހަންތަކެއް ވަނީ ފެނިފައެވެ. މީގެ އިތުރުން ބަނގުރާ ކެއްކުމަށާއި އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ އެކި ބާވަތުގެ ސާމާނުތައް ވެސް އެ ސަރަހައްދުން ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް، ފުވައްމުލައް ސިޓީ ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި ސަރުކާރުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުން ދަނީ މިފަދަ އޮޕަރޭޝަންތައް ވަރުގަދަ ކުރަމުންނެވެ.
