Logo
image for article

    ނ. އަތޮޅުގައި ތަރައްގީކުރާ "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް" މަޝްރޫއުގެ ބިންގާ ރައީސް މުއިއްޒު އަޅުއްވައިފި

    ނ. އަތޮޅުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ބިޔަ މަޝްރޫއު "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް" ގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އަޅުއްވައިދެއްވައިފިއެވެ.

    މި މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދު ހަރުދަނާކޮށް ކުރިއެރުމުމަށް ސަރުކާރުން އެކުލަވާލާފައިވާ "ސްޕެޝަލް އިކޮނޮމިކް ޒޯން" (އެސް.އީ.ޒެޑް) ގެ ދަށުން ކުރިއަށްގެންދާ ފުރަތަމަ މަޝްރޫއެކެވެ. ކްރިސްޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ޖުމްލަ 790 މިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެކެވެ.

    ސަރުކާރުން މި މަޝްރޫއު ހިންގުމަށް ބޭނުންވާ ރަސްމީ ހުއްދަ އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އަދި މަޝްރޫއު ކުރިއަށްގެންދިއުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ މުޅިން ނިންމާލާފައެވެ.

    "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް" މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް އާންމުކޮށް ފެންނަ، ހަމައެކަނި ފަތުރުވެރިކަމަށް ބިނާވެފައިވާ ތަރައްގީގެ މޮޑެލްތަކާ ތަފާތު، މުސްތަގުބަލަށް އަމާޒުކޮށްފައިވާ މަޝްރޫއެކެވެ. މިއީ އެކި ސިނާއަތްތަކަށް ނިސްބަތްވާ ތަރައްގީތަށް ގިނަވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

    މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ނިމި، 2028 ވަނަ އަހަރުގެ ތެރޭގައި ޓައުންޝިޕްގެ އޮޕަރޭޝަންތައް ފެށޭނެ ކަމަށް ބެލެވެއެވެ. މި މަޝްރޫއު ފުރިހަމަވެގެން ދާއިރު، ރާއްޖޭގެ މަސައްކަތްތެރިންނަށް މަތީ ފެންވަރުގެ ގިނަ ވަޒީފާތަކެއް އުފެދި، އަތޮޅުގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.