Logo
image for article

    ކްރެޑިޓް ނެގި ޝަހީދުއަލީ ސްކޫލުގެ މަސައްކަތް އެމްޑީޕީން ނުކުރީ ނާޒިމް ސިޔާސީ ޕާޓީހެދީމަ ޖެއްސުމަށް

    ‎ޑިސެމްބަރު 25، 2023 ގައި ޝަހީދު އަލީ ސްކޫލްގެ ބިންގާ އެޅުއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ސަރަހައްދަށް ވަޑައިގެންނެވިއިރު، އޮތީ ޓިނު ޖަހަން ފަށައިފައެވެ. ހުދު ކުލައިގެ ފަސްގަނޑެއް ފިޔަވައި އިތުރު ވެސް އެއްޗެއް އެ ތަނަކުން ފެންނާކަށް ނެތެވެ. ފައުންޑޭޝަން އަޅަން ބިންގަނޑު ކޮނެލާފައި ވެސް ނެތެވެ.އެއީ އެ ބުނާ މަޝްރޫއުގެ %78 މަސައްކަތް ނިންމި ގޮތް ހެއްޔެވެ؟

    ‎އެކަމަކު، އޭގެ ދެ އަހަރު ފަހުން، ފެނުނު މަންޒަރު މުޅިން ތަފާތެވެ. އެ ސްކޫލަކީ އާ ޖީލެއް ބިނާ ކުރުމަށް އެޅި ވަރުގަދަ ބިންގަލެކެވެ. އެ ބިންގަލުން ހިޔާ ލިބިގަންނަން ދެ އަހަރު ނެގިއިރު، މިހާރު އެ ސްކޫލްގެ "ފޮނި މީރުކަން" އެކި ގޮތް ގޮތުން އެތައް ބަޔަކަށް ލިބެން ފަށައިފިއެވެ.

    ‎ރާއްޖެއަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ފެށި ރަސްމާލެ މަޝްރޫއަށް ފަހު، ދެވަނަ އަށް އެންމެ ބޮޑު މަޝްރޫއަކަށް ސަރުކާރުން ފެށީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޝަހީދު އަލީ ސްކޫލް ބިނާ ކުރުމުގެ މަޝްރޫއެވެ. ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގައި ތަޖުރިބާ ހުރި ކުންފުނި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީއާ) މި މަސައްކަތް ކުރިއަށް ގެންދަން ނިންމީ ބޮޑު އިތުބާރަކާއެކުގައެވެ. މިއަދު ހުޅުމާލެއިން އެ ފެންނަ ރީތި ސްކޫލަކީ އާރުސީސީގެ މަސައްކަތްތެރިން ރެއާއި ދުވާލު، ވަރުބަލިކަމެއް ނެތި ކުރި މަސައްކަތުގެ ނަތީޖާއެވެ.

    ‎ރާއްޖޭގައި އޮތް ސިޔާސީ ހަގީގަތަކީ ސަރުކާރުން ކުރާ އެއްވެސް ރަނގަޅު ކަމެއް އިދިކޮޅަށް ނުފެނުމެވެ. ކިތަންމެ ރަނގަޅު ކަމެއް ކޮށްގެން ރަނގަޅު ނަތީޖާއެއް ނެރުނަސް، އެއީ ރަނގަޅަށް ކުރި ކަމެއް ނޫން ކަމަށް ބުނެ، އެކަމާ ދެކޮޅަށް ނުކުތުމަކީ ރާއްޖޭގައި މިހާރު އާންމުވެފައިވާ "ސަގާފަތެކެވެ." ހުޅުމާލެ ފޭސް ދޭއްގައި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ތަރައްގީކޮށް ހުޅުވި ޝަހީދު އަލީ ސްކޫލާ ގުޅޭގޮތުންވެސް މި ދައްކަނީ އެ ވާހަކައެވެ.

    ‎ވާދަވެރި ފަރާތްތަކުން ވާހަކަ އޮޅުވާލައި، އެއީ ތިމަންނަމެންގެ މަޝްރޫއެއް ކަމަށް ބުނެ އެ ވާހަކަ ދައްކަނީއެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްކޫލެއް އަޅަން ނިންމުމާއި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުން ފިޔަވައި އިތުރު އެއްވެސް ކަމެއް ފެންނާކަށް ނެތެވެ. މިއީ އެސަރުކާރަށް "މެޑަލް" ޖެހޭނެ މަޝްރޫއެއް ނޫނެވެ. ހަގީގަތަކީ އެމްޑީޕީން މި މަޝްރޫއު ދެ އަހަރު ދުވަސް ވަންދެން ހުއްޓުވާފައި އޮތުމުންނެވެ.

    ‎ކޮންޓްރެކްޓަރު ފައިނޭންސް އުސޫލުން ޖޫން، 21، 2021 ދުވަހު ހުޅުމާލޭ ފޭސް ދޭއްގައި ސްކޫލެއް އަޅަން، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީއާ)އާ ހަވާލު ކުރިއެވެ. އަދި ޖޫން 27 ގައި އެެކަމުގެ އެއްބަސްވުމުގައި ސޮއިކުރިއެވެ. މިއީ ކޮންޓްރެކްޓަރު ފައިނޭންސްގެ އުސޫލުން ފަސް އަހަރަށް ބަހާލައިގެން ރިފައިނޭންސް ކުރެވޭގޮތަށް ހަވާލުކުރި މަޝްރޫއެކެވެ.

    ‎އޭގެ ކުރިން ފޭސް 2 ގައި ސަލާހުއްދީން ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަން އާ ހަވާލު ކުރިއެވެ. ސޯލިހްގެ ވެރިކަމުގައި ފެބްރުއަރީ، 2021 ގައި 118،336،879 މިލިއަން ރުފިޔާގެ އަގަކަށް، އަމީން ކޮންސްޓްރަކްޝަނާ މަސައްކަތް ހަވާލުކޮށްފައި ވަނީ 390 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަޝްރޫއުގެ މަސައްކަތް ނިންމައި، ސްކޫލް ރަސްމީކޮށް ހުޅުވީ ނޮވެމްބަރު 15، 2023 ގައެވެ. އެ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އެ ސްކޫލްގައި ކިޔަވައި ދޭން ފެށިއެވެ.

    ‎މި ސްކޫލްގެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލިއިރު، ހަމަ އެ އަހަރު ޖޫން މަހު ހަވާލު ކުރި ޝަހީދު އަލީ ސްކޫލްގެ މަސައްކަތް ކުރިއަށް ނުގެންދިޔައީ ކީއްވެ ހެއްޔެވެ؟

    ‎މައުލޫމާތު އެނގޭ ބައެއް މީހުން ކިޔައި ދިން ގޮތުގައި އެ މަޝްރޫއު ހުއްޓުވީ ސިޔާސީ މަގްސަދެއްގައެވެ.

    ‎ސިޔާސީ ގޮތުން މި މަޝްރޫއު ހުއްޓުވާލީ އާރްސީސީގެ ޗެއާމަނެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މިހާރުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު ރިޓަޔާޑް މުހައްމަދު ނާޒިމް އޮކްޓޯބަރު 25، 2021 ވަނަ ދުވަހު މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީ ކުރެއްވުމަށް ހުށަހަޅައި އެ ޕާޓީގެ ރައީސް ކަމަށް ނާޒިމް ވަޑައިގަތުމާ ގުޅިގެން ކަމަށް ވެސް ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވިއެވެ.

    ‎"އާރްސީސީގެ ޗެއާމަން ސިޔާސީ ޕާޓީ އުފެއްދި ހިސާބުން ސަރުކާރުން ޕޮލިސީ ލެވެލްގައި ނިންމީ ޕްރޮޖެކްޓް ކުރިއަށް ނުގެންދަން،" އެ ބޭފުޅާ ވިދާޅުވިއެވެ.

    ‎އެކަމަކު އޭގެ ފަހުން 2022 ވަނަ އަހަރުގައި އެޗްޑީސީ މެދުވެރިކޮށް އެއިރުގެ ސަރުކާރުން އެސްޖޭއާ ހަވާލުކޮށްގެން "ކާމިލް ދީދީ" ސްކޫލް ނިންމިއެވެ. ޓިނުން ބޮޑުބައި އިމާރާތްކޮށްފައިވާ ކާމިލް ދީދީ ޕްރައިމަރީ ސްކޫލު ހުޅުވީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހެވެ. އެ މަޝްރޫއަށް 23 މިލިއަން ރުފިޔާ ހަރަދު ކުރިއެވެ

    ‎އެކަމަކު ޝަހީދު އަލީ ސްކޫލްގެ މަސައްކަތް އެކަށީގެންވާ ގޮތަކަށް ކުރިއަށް ނުދިޔައެވެ. ދެ އަހަރާއި ބައިވިއިރުވެސް މަޝްރޫއު ކުރިއަށް ގެންދެވޭނެ ގޮތަަކަށް އެ ސަރުކާރުން އެއްވެސް އެއްބާރުލުމެއްވެސް ނުދިނެވެ. ސިޔާސީ ބޭނުމެއްގައި ނަމަވެސް ބިންގަލެއްވެސް އަޅާފައެއް ނުވެއެވެ.

    ‎"ދައުރު ދެބައިވިއިރު ހުޅުމާލެ ފޭސް ދޭއް މި ސްކޫލްގެ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވޭ. އާރްސީސީން މި މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވެފައި އޮތްއިރު، ސަރުކާރުގެ އެއްބާރުލުން ނުލިބި މި މަސައްކަތް އޮތީ ހުއްޓުވާފައި،". މައުލޫމާތު އެނގޭ ބޭފުޅާ ވިދާޅުވިއެވެ.

    ‎އެކަމަކު މި ސަރުކާރު އައިސް އެންމެ ފުރަތަމަ ބިންގާ އެޅި ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ޝަހީދު އަލީ ސްކޫލް ހިމެނެއެވެ. ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ބިންގާ އެޅި އެ މަޝްރޫއާ ގުޅޭގޮތުން އެ ދުވަހު ރައީސް ވިދާޅުވީ "މިއަދު އެޅިގެން ދިޔަ އެ ބިންގާއަކީ އޭގެ ހުރިހާ މާނައެއްގައި ދެވަނަ ފިޔަވަހީގެ މި ސަރަހައްދު ތަރައްގީ ކުރުމުގެ ބިންގާއެއް" ކަމަށެވެ.

    ‎މި ސަރުކާރުގެ ފުރަތަމަ ސްކޫލް ޕްރޮޖެކްޓެއްގެ ގޮތުގައި ޝަހީދު އަލީ ސްކޫލްގެ ބިންގާ އެޅުން: ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

    ‎އެ ސްކޫލްގެ ބިންގާ އަޅައި ހުއްޓުމެއް ނެތި މަޝްރޫއު ދިޔައީ ކުރިއަށެވެ. 18 މަސް ދުވަސް ތެރޭގައި ނިންމަން އާރްސީސީން ފެށި މަސައްކަތް ކާމިޔާބު ކަމާއެކު ނިންމައި، މިދިޔަ އާދީއްތަ ދުވަހު ހުޅުވިއިރު، މި މަޝްރޫއުގެ ކްރެޑިޓް އެމްޑީޕީއަށް ނެގޭނެ ސަބަބެއް ނެތް ކަމަށް ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވެސް ވިދާޅުވިއެވެ. ސިޔާސީ ގޮތުން ދެކޮޅު ވުމުން ހުއްޓުވާލި މަޝްރޫއަށް ބޮޑު އިސްކަމެއް ދީ ކުރިއަށް ގެންގޮސް ދެ އަހަރު ތެރޭގައި ނިންމައި ހުޅުވުމަކީ ޔަގީނުންވެސް ބޮޑު ކާމިޔާބީއެކެވެ.

    ‎ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް ބިނާކުރަމުންދިޔަ އެ ސްކޫލްގެ މަސައްކަތް ކުރިއަށް ދިޔައިރު މަސައްކަތް، ތައުލީމާ ބެހޭ ވަޒީރު ބައްލަވާލެއްވުން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

    ‎މި ސްކޫލަކީ ގްރޭޑް 1 އިން 10 އަށް ކިޔަވައިދޭ، 3،000 ކުދިންގެ ޖާގައިގެ ސްކޫލެކެވެ. ޒަމާނީ ވަސީލަތްތަކާއެކު 54 ކްލާސްރޫމާއި، ސައިންސް އަދި ކޮމްޕިއުޓަރު ލެބްތަކާއި، އޮޑިޓޯރިއަމްގެ އިތުރުން ކުޅިވަރު ކުޅޭނެ ޓާފް ދަނޑަކާއި އިންޑޯ ހޯލެއް މި ސްކޫލުގައި ހިމެނެއެވެ.

    ‎މި ސްކޫލް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ތައުލީމީ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވަނީ އެ ސްކޫލަކީ ކުރީ ސަރުކާރުގެ މަސައްކަތެއް ކަމަށް ބުނެ ކުރީގެ ތައުލީމީ ވުޒާރާގެ އިސްވެރިން ދައްކަވާ ވާހަކަތަކައް ރައްދު ދެއްވާފައެވެ.

    ‎ޝަފީއު ވިދާޅުވީ، ކަންކަން ރާވައި، ހިންގައި، ތަންފީޒުވަމުންދާތަން ފެނުމުން އެ ކަމުގެ ކްރެޑިޓް ނަގަން ބަޔަކު މަސައްކަތް ކުރި ނަމަވެސް އެކަމާ މެދު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ.

    ‎"ކަންކަން ރާވާލީމަ އާއި، ކަންކަން ހިނގީމަ އާއި، ކަންކަން ތަންފީޒުވަމުންދާތަން ފެނުނީމާ އެކަމުގެ ކްރެޑިޓް ނަގާ ފަރާތްތައް ތިބޭނެ،" ޝަފީއު ވިދާޅުވިއެވެ.

    ‎ވަޒީރު މިހެން ވިދާޅުވީ، މި ސްކޫލަކީ އެމްޑީޕީ ސަރުކާރުގައި ޕްލޭންކޮށް، މަސައްކަތް އެވޯޑުކުރި ސްކޫލެއް ކަމަށް އެއިރުގެ ތައުލީމީ ޑރ. އައިޝަތު އަލީ އާއި ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އިހްސާން ވިދާޅުވުމާ ގުޅިގެންނެވެ. އިހްސާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ހުޅުމާލޭގައި ތަރައްގީކުރަން އިތުރު ސްކޫލެއްގެ މަސައްކަތް ވެސް ހަވާލުކޮށް، ދެ ސްކޫލަކަށް ބަޖެޓުކޮށް ބިން ހަމަޖެއްސި ކަމަށެވެ. އަދި މި ސަރުކާރަށް ތިން އަހަރުވާން ދާއިރު އޭގެ ތެރެއިން އެއް ސްކޫލު ނަމަވެސް ނިމުނީތީ ހަމްދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

    ‎އެ ވާހަކަތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ޝަފީއު ވިދާޅުވީ، ކްރެޑިޓް ނެގުމަކީ ޖެހިލުންވާ ކަމެއް ނޫން ކަމަށާއި، މި ސަރުކާރުގެ އަމާޒަކީ މުދައްރިސުންނާއި ދަރިވަރުންނަށް ދޭންޖެހޭ ހިދުމަތްތައް މެދުނުކެނޑި ފަހިކޮށްދިނުން ކަމަށެވެ. އަދި ކުރީ ސަރުކާރުތަކުން ތައުލީމީ ދާއިރާގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާ ކަމަށާއި ސްކޫލްތައް މަރާމާތު ނުކޮށް ބާކީކޮށްލާފައި ހުރިކަމަށް ވަޒީރު ވަނީ ވިދަޅުވެފައެވެ.

    ‎މީގެ އިތުރުން، ވަޒީރު ފާހަގަކުރެއްވި ގޮތުގައި ޝަހީދު އަލީ ސްކޫލް މި ނަމަކީ ރައީސް ޑރ. މުއިއްޒު ދެއްވި ނަމެކެވެ. މި ނަން ދެއްވީ ގައުމީ ބަތަލުންގެ ހިތްވަރާއި އަޚްލާގުން ނަމޫނާ ލިބިގަންނަ ޖީލެއް ބިނާކުރުމުގެ މަގުސަދުގައި ކަމަށް ޝަފީއު ވިދާޅުވިއެވެ.