
އާރްޓީއެލް ޙިދުމަތް އަންނަ މަހު އިތުރު އަތޮޅު ތަކެއްގައި ފަށަނީ
ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރްޓީއެލް) ފެރީގެ ޚިދުމަތް އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި އިތުރު އަތޮޅެއްގައި ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި، އަންނަ މަހު މި ޚިދުމަތް އަލަށް ފަށާނެ އަތޮޅުތަކާއި، އެ ސަރަޙައްދުތަކުގައި ޚިދުމަތް ދޭނެ އުސޫލުތައް ކަނޑައެޅުމުގެ ފަހުގެ މަސައްކަތްތައް މިހާރު ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ. މިއީ މުޅި ރާއްޖެ ދަތުރުފަތުރުގެ އެއް ވިއުގައަކުން ގުޅާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.
މިހާތަނަށް އާރްޓީއެލްގެ ޚިދުމަތް ރަސްމީކޮށް ނުފަށާ އޮތީ ޒޯން 3 އަދި ޒޯން 4 ގައެވެ. މީގެ ތެރެއިން ޒޯން 3 ގައި ހިމެނެނީ ކާފު އަތޮޅާއި، އއ. އަތޮޅާއި، އދ. އަތޮޅުގެ އިތުރުން ވ. އަތޮޅެވެ. އަދި ޒޯން 4 ގައި ހިމެނެނީ މ. އަތޮޅާއި، ފ. އަތޮޅާއި، ދ. އަތޮޅުގެ އިތުރުން ލ. އަތޮޅެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އޮކްޓޯބަރު މަހު އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، އަންނަ މާރިޗު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރްޓީއެލްގެ ޚިދުމަތް ގާއިމުކޮށް ނިންމުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ވިދާޅުވެފައެވެ.
މި ޚިދުމަތް އިތުރު އަތޮޅުތަކަށް ފުޅާވެގެން ދިއުމާއެކު، އަތޮޅުތެރޭގެ ރަށްތަކުގެ މެދުގައި ދަތުރުފަތުރު ކުރުމަށް ރައްޔިތުންނަށް އުފުލަންޖެހޭ ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބި، އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. އާރްޓީއެލް ފެރީގެ ނިޒާމަކީ އެމްޓީސީސީން ހިންގަމުން އަންނަ، ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ޚިދުމަތެކެވެ.
