Logo
image for article

    ހުޅުމާލޭގެ ހަތަރު ސަރަހައްދެއްގައި 1964 އުޅަނދު ޕާކްކުރެވޭނެ ޖާގަ ގާއިމްކޮށްފި

    ހުޅުމާލޭގެ ހަތަރު ސަރަހައްދެއްގައި 1964 އުޅަނދު ޕާކްކުރެވޭނެ ޖާގަ ގާއިމްކޮށްފިއެވެ.

    އެޗްޑީސީއިން ބުނީ މާލޭ ސަރަހައްދުގައި ދިމާވެފައިވާ ވެހިކަލް ޕާކިންގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ހުޅުމާލޭގައި ވަގުތީ ޕާކިން ސަރަހައްދުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ޕާކިން އަށް ކަނޑައެޅި ސަރަހައްދުތަކުގައި ހަތަރު ފުރޮޅުލީ 1964 ވެހިކަލް ޕާކު ކުރެވޭނެ ޖާގަ ކަނޑައެޅިފައިވާ ކަމަށް ވިދާޅުވިއެވެ.

    އެ މަސައްކަތަކީ ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް އެޗްޑީސީއިން ވިދާޅުވިއެވެ.

    ވަގުތީ ޕާކިން ސަރަހައްދުތައް ކަނޑައެޅުމުގެ މައިގަނޑު ބޭނުމަކީ ހުޅުމާލޭގެ ޓްރެފިކް ފްލޯ ރަނގަޅުކުރުމާއި، މަގުތަކުގައި ވެހިކަލްތައް ޕާކުކުރުމުގެ ސަބަބުން ދިމާވާ ތޮއްޖެހުން ކުޑަކުރުން ކަމަށް އެޗްޑީސީއިން ވިދާޅުވިއެވެ. މާލޭގައި ޕާކިންގެ މައްސަލަ ބޮޑުވެފައިވާ އެ ދަނޑިވަޅުގައި، ހުޅުމާލެއިން އެފަދަ ބޮޑު ޖާގައެއް ހަމަޖެއްސުމަކީ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން ވެހިކަލް ޕާކުކުރުމަށް ދިމާވެފައިވާ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ޕާކިން ބިލްޑިން ތަކެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށް އެޗްޑީސީއިން ބުންޏެވެ.

    އެގޮތުން ކަނޑައަޅާފައިވާ ވަގުތީ ޕާކިން ސަރަހައްދުތަކާއި އެތަންތަނުން ލިބޭ ޖާގަތަކަކީ:

    • މަސްޖިދުލް ވާލިދައިން ކައިރި ސަރަހައްދު: 115 ޖާގަ

    • ގާޒީ ސްކޫލު ސަރަހައްދު: 254 ޖާގަ

    • ހިޔާ ޓަވަރު-16 ސަރަހައްދު: 1233 ޖާގަ

    • ވިނަރެސް ސަރަހައްދު: 362 ޖާގަ

    އެޗްޑީސީއިން ވިދާޅުވީ ވަގުތީ އެ އިންތިޒާމުގެ ސަބަބުން ހުޅުމާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެ، ވެހިކަލްތަކަށާއި މަގު ބޭނުންކުރާ ހުރިހައި ފަރާތްތަކަށްވެސް ލުއިފަސޭހަވެ، ލިބޭ ރައްކާތެރިކަން ބޮޑުވާނެ ކަމަށެވެ.

    އަދި މާލެ ސަރަހައްދުގެ ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު އެ ހުޅުވާލި ވަގުތީ ޕާކިން ސަރަހައްދުތަކުގެ ސަބަބުން އުޅަނދު ގެންގުޅޭ ފަރާތްތަކަށް ވަރަށް ބޮޑު ލުއިފަސޭހައަކަށް ވާނެ ކަމަށް ވިދާޅުވިއެވެ.