
ހުރިހާ ސަރުކާރެއްގައިވެސް ސިޔާސީ މަގާމް ހައްގުވާ މަހުލޫފް ޖަޕާން ސަފީރަކަށް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި
ހުރިހާ ސަރުކާރަކަށްވެސް ބަލަދުއަރާ، ސިޔާސީ މަގާމު ހައްގުވާ އަހްމަދު މަހުލޫފް، ޖަޕާނަށް ކަނޑައަޅާ ދިވެހިރާއްޖޭގެ ސަފީރުގެ މަގާމަށް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ދީފިއެވެ. އޭނާ އަކީ އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރުވެސް މެއެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ މަގާމަށް މަހްލޫފު އައްޔަން ކުރުމާ ގުޅޭގޮތުން ނެގި ވޯޓުގައި ޖުމްލަ 60 މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. މި ވޯޓުގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ހިމެނިވަޑައިގަންނަވާއިރު، ބައިވެރިވި ހުރިހާ މެންބަރުން ވެސް ވަނީ މަހްލޫފަށް ތާއީދުކޮށް ވޯޓު ދެއްވާފަ އެވެ. އެއްވެސް މެންބަރަކު އޭނާ އައްޔަން ކުރުމާ ދެކޮޅަށް ވޯޓެއް ނުދެއްވަ އެވެ.
ސަރުކާރުގެ މަގާމެއްގައި ހިދުމަތް ކުރުމަށް ކަމަށް ވިދާޅުވެ، މަހްލޫފް އެމްޑީޕީން ވަކިވެވަޑައިގެންފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު އެވެ.
ޕާޓީން ވަކިވުމަށްފަހު އެމްޑީޕީގެ ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި މަހްލޫފް ވިދާޅުވީ އެމްޑީޕީން ވަކިވެވަޑައިގަންނަވަނީ 'ދައުލަތުގެ މަގާމެއްގައި ހިދުމަތް' ކުރުމުގެ ބޭނުމުގަ އެވެ.
މަހްލޫފް އިތުރަށް ވިދާޅުވެފައި ވަނީ، "2015 ވަނަ އަހަރުން ފެށިގެން ތިޔަ ބޭފުޅުންނާއެކު ހިދުމަތް ކުރުމުގެ ފުރުސަތު ލިބުނުކަމަށްޓަކައި ޝުކުރު ދަންނަވަން. ވަކިން ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެއަށް ގެނެސްދެއްވި ތަރައްގީގެ މަސައްކަތްތަކުގައި ބައިވެރިވުމުގެ ގޮތުން އެމަނިކުފާނުގެ ކެބިނެޓުގައި ގިނަ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބުނީތީ ވަރަށް ބޮޑަށް ޝުކުރުވެރިވެ، އުފާކުރަން،" އެވެ.
އެމްޑީޕީން ވަކިވުމަށް އޭނާ ނިންމެވުމާ މެދު ހިތްހަމަނުޖެހޭ އެއްވެސް މެންބަރަކު ހުރި ނަމަ، އެކަމަށްޓަކައި މައާފަށް އެދޭ ކަމަށް ވެސް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ. މަހްލޫފް ވަނީ 2009 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރ 17 ވަނަ ދުވަހާއި ހަމައަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައެވެ.
އެމްޑީޕީން ވަކިވެވަޑައިގަތުމަށްފަހު، މަހްލޫފް ވަނީ ވެރިކަންކުރާ ޕްރޮގްރެސިވް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރައްވާފަ އެވެ. އެއީ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެ ޕާޓީން ބޭއްވި ބޮޑު ޖަލްސާއެއްގަ އެވެ.
