
އާއިލާގެ 20 ކުޑަކުދިންނާ ބެހުނު ސަނީ އުމަރު ހައްޔަރުކޮށްފި
"ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް" ގެ ވެރިޔާ ހުސައިން ސަނީ އުމަރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން މިރޭ ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކުރީ ރާއްޖެއިން ބޭރަށް ފުރަން ވެގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް ހުއްޓާ ކަމަށްވެއެވެ.
ސަނީ މިއަދު ރާއްޖެ އައުމާއެކުގައި ސުވާލު ކުރުމަށް ފުލުހުންގެ, ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ޔުނިޓަށް ހާޒިރު ވެސް ކުރިއެވެ. އޭނާ ރާއްޖެ އައިސް އެއާޕޯޓުން ނުކުތުމާއެކުގައި އެ ޔުނިޓަށް ގެންގޮސްފައިވަނީ ފުލުހުންގެ ވެހިކަލެއްގައެވެ.
އެނގިފައިވާ ގޮތުގައި، އޭނާއާ ސުވާލު ކުރުމަށް ފަހު ވަނީ ދޫކޮށްލައިފައެވެ. އެކަމަކު، އޭނާ މިރޭގެ ވަގުތެއްގައި ހައްޔަރުކުރި ކަން ފުލުހުން ވެސް ކަށަވަރުކޮށްދެއެވެ. އަދި "ވަގުތަށް" ކަށަވަރުވެފައިވާ ގޮތުގައި ސަނީ އުމަރު ހައްޔަރުކުރީ ފުރަން ގޮސް ހުއްޓައި އެއާޕޯޓުގެ ތެރެއިންނެވެ. އޭނާ ހުރީ ވެސް މޫނު ފޮރުވޭ ގޮތަށް މާސްކަކާއި ތޮތްޕެއް ވެސް އަޅައިގެންނެވެ.
ސަނީ އުމަރުގެ ފަރާތުން އަނިޔާ ލިބިފައިވާ ކުދިންގެ އާއިލާތަކުން އޭނާއާ ދެކޮޅަށް މައްސަލަ ފުލުސް އޮފީހަށް ހުށަހެޅުމާއެކު އޭނާ ކުރިން ވަނީ އިންޑިއާއަށް ގޮސްފައެވެ.
އަނިޔާ ލިބުނު ކުދިންގެ އާއިލާއިން ބުނެފައިވާ ގޮތުގައި މީގެ 10 އަހަރު ކުރިން ފެށިގެން އެކި ގޮތް ގޮތުން އާއިލާގެ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރަން ސަނީ އުމަރު ވަނީ ފަށާފައި ކަމަށެވެ. އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ބައެއް ކުދިންނަށް ވަރަށް ބޮޑަށް ނަފުސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް ވެސް އެ ފަރާތްތަކުން ބުނެފައިވެއެވެ.
ސަނީ އުމަރުގެ މައްސަލަތައް ފެންމަތިވުމުން ޓްރެވަލް ގައިސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުންފުނީގައި އޮތް ސަނީގެ ހިއްސާތައް އަތުލުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށާއި ސަނީގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ކުންފުނިން ދޭނެ ކަމަށެވެ.
އަދި އޭނާ އެ ކުންފުނީގައި އަދާކުރަމުންދިޔައީ އެ ކުންފުނީގެ މެނޭޖްމަންޓު ރޯލެއް ނޫން ކަމަށް ބުނެފައިވެއެވެ.
ގައިސް ޕްރައިވެޓް ލިމިޓެޑަކީ ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމެކެވެ.
