
ރައީސް މުއިއްޒު 1 އަހަރާއި 11 މަސްތެރޭ 187 ރަށަށް ވަޑައިން ރެކޯޑެއް، ޔާމީނަށް ހަޖަމެއް ނުވި!
ރައީސް ޑރ. މުހައްމަދު މުއިއްޒު، ވޭތުވެދިޔަ އެއް އަހަރާއި 11 މަސްތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށް ވަޑައިގެން އާ ރިކޯޑެއް މިއަދު ހައްދަވައިފިއެވެ.
ރައީސް ޑރ. މުއިއްޒު، ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު 187 ވަނަ ރަށަކަށް ވަޑައިގަތީ ކ. ތުލުސްދޫއަށެވެ. އެ ރަށަށް އެމަނިކުފާނު ފައިބައިވަޑައިގަތީ މިއަދު މެންދުރު ފަހު، 1:42 ގައެވެ. މި މުއްދަތުގެ ތެރޭގައި ރައީސް ޑރ. މުއިއްޒު ވަނީ 64 ރަށަށް ދެ ފަހަރެއްގެ މަތިން ވަޑައިގެންފައެވެ. ވެރިކަމުގެ ފުރަތަމަ ދައުރު މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް މަދުވެގެން 2 ފަހަރު ވަޑައިގަތުމަކީ ރައީސް ޑރ މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ތުލުސްދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ކަންކަން ކުރަމުންދާނީ ރައްޔިތުން ގާތަށް ގޮސް، ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައި ރައްޔިތުން އެދޭ އަމާޒަށް ވާސިލްވާ ގޮތަށް ކަމަށެވެ.
"މިއަދު ތިޔަ ލޮބުވެތި ރައްޔިތުންނާ ބައްދަލުވެގެން ދިއުމުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގޮސް މި ބައްދަލު ކުރެވުނީ. 187 ރަށަށް، ރައްޔިތުންގެ އެއްބާރުލުމާއެކީގައި ދެވުނީމި ދެ އަހަރުވުމުގެ ކުރިން،" ހުރިހާ ކައުންސިލްތަކަކާ ވެސް ބައްދަލު ކުރެއްވިފައިވާ ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މި މުއްދަތުގެ ތެރޭގައި ހުރިހާ ކައުންސިލްތަކަކާއި ބައްދަލުކޮށް، ބައެއް ކައުންސިލްތަކާ ދެ ވަނަ ފަހަރާ ވެސް ބައްދަލު ކުރެވިފައިވާ ކަމަށެވެ. އެގޮތުން 148 ކައުންސިލަކާ ދެ ފަހަރަށް ބައްދަލު ކުރެއްވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުން ގާތަށް އައުމުން، ވައުދުތައް ފުއްދުމަށް ވަރަށް ބޮޑަށް އަވަސްވެއެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ބައްޓަން ކުރުމަށް މަގުފަހިވެ، މަސައްކަތްތައް އަވަސްވެގެންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މައްސަލަތައް ހައްލުވެގެންދޭ ފަސޭހަކަމާއެކީގައި. އެހެން ނޫނީ ސިޓީ ފޮނުވުން، ސިޓީއަށް ޖަވާބު އަންނަންދެން އެތައް ދުވަހަކު މަޑުކުރުން. މާލެއަށް ކައުންސިލްތައް ދަތުރު ކުރުން. މުއައްސަސާތަކުގެ ވެރިން މާލެއަށް ދަތުރުކުރުން، މިކަހަލަ ގޮތަކަށް ނިޒާމު އޮންނަނީ ޒަމާނުއްސުރެ، އެ ނިޒާމުގެ ތެރެއިން އެ ދާ ލަސްމިނުގައި ދާން އަޅުގަނޑު ހިތުން ރައްޔިތުން ބޭނުމެއް ނުވާނެ. އަޅުގަނޑު ރައްޔިތުންނަށް ވައުދުވީ އެގޮތަށް އެކަންވިޔަ ނުދޭނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ މި ރެކޯޑް ހަޖަމު ނުވީ ކުރީގެ ރައީސް ޔާމީނަށެވެ. ޔާމީނު ވަނީ ރާއްޖެތެރޭ މީހުން ގާތަށް މާގިނައިން ދަނީކަމަށްބުނެ ފާޑު ކިޔާފައެވެ.
