
ހަމައެއް ލަމައެއްނެތި ހުޅުމާލޭ ޕޭމަންޓުމަތީ ބަހައްޓާފައި ހުރި ގޮނޑި، މޭޒުތައް އެޗްޑީސީން ނަގަން ފަށައިފި
"ހިތްފަސޭހަ ހުޅުމާލެ" ކެމްޕެއިންގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައި ބަހައްޓާފައި ހުރި ގޮނޑި އާއި މޭޒު އަދި ބިޔަވާ ޒާތުގެ ގަސްތައް ނެގުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
އެޗްޑީސީން ބުނީ މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ ހުޅުމާލޭގެ މަގުތަކުގެ ދުވާރުތަކުގައި ބަހައްޓާފައި ހުރި ހުންނަ ގޮނޑިތަކާއި މޭޒުތަކުގެ ސަބަބުން ދުވާރުން ހިނގާ މީހުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދުމެވެ.
މީގެ އިތުރުން، ހެޖުތަކުގެ ތެރޭގައި އިންދާފައިވާ ބިޔަ ގަސްތަކުގެ ސަބަބުން ހުޅުމާލޭގެ މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ، މަގުތަކުގައި ފެންބޮޑުވުމާއި ތާރުގަނޑު ހަލާކުވުން ފަދަ މައްސަލަތައް ދިމާވާތީ އެކަމަށް އެކަށީގެންވާ ހައްލެއް ގެނައުމަކީ ވެސް މަގްސަދެއްކަމަށް އެޗްޑީސީން ބުންޏެވެ.
ބާރަ ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ސަބަބުން ހުޅުމާލޭގެ މަގުތަކުގެ ދުވާރު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވެގެންދާނެ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ. މި ހަރަކާތް ކުރިއަށް ގެންދަނީ އެޗްޑީސީ އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ހުޅުމާލެ ޕޮލިސް ގުޅިގެންނެވެ.
އެޗްޑީސީން ކުރިއަށްގެންދާ "ހިތްފަސޭހަ ހުޅުމާލެ" ކެމްޕެއިންގެ ދަށުން އިތުރު ގިނަ މަސައްކަތްތަކެއް މުސްތަގުބަލުގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ. ހުޅުމާލެއަކީ ހިތްގައިމު އަދި ދިރިއުޅުމަށް ފަސޭހަތަނަކަށް ހެދުމުގެ ގޮތުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
