
ޖޫން މަހު ވޭޕާއި އެކު ކޮޕުންނަށް ބަސްޓުވި ބަދުނަސީބު 34 މީހަކު 170,000 ރުފިޔާ އިން ޖޫރިމަނާ ކޮށްފި
ވޭޕް ބޮއެގެންނާއި ގެންގުޅެގެން މިދިޔަ ޖޫން މަހު 34 މީހަކު 170,000 ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ. ޖޫން މަހު ވޭޕް ބޮއެގެން 18 ޖޫރިމަނާ ކުރިއިރު 16 މީހަކު ވޭޕް ގެންގުޅެގެން ޖޫރިމަނާ ކޮށްފައިވެއެވެ.
ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުމާއި ހިލޭބެހުން މަނާކޮށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލުކުރަން ފަށާފައިވަނީ 15 ޑިސެންބަރު 2024ވަނަ ދުވަހުން ފެށިގެންނެވެ. ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނުގައި ވާގޮތުން ވޭޕް ބޭނުންކޮށްފި ނަމަ 5,000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެ ޤާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް އެތެރެކޮށްފިނަމަ 50,000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެއެވެ. އަދި މިހާރު ޤާނޫނުގައި އޮންނަ ގޮތުން ވޭޕް ކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުންކުރާ ޖޫރިމަނާގެ އިތުރަށް 50,000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.