
މަސް ފިނިކުރާ ނިޒާމު ހަރުކުރަން ސަރުކާރުން މަސް ދޯނިތަކަށް ޝަރުތު ލުއިކޮށްދީފި
މަސްވެރިކަމުގެ ފުރިހަމަ ނަފާ މަސްވެރިންނަށް ލިބޭނެ ގޮތް އިތުރަށް މަގު ފަހި ކުރުމަށް ޓަކައި، ރެފްރިޖަރޭޓަޑް ސޯލްޓް ވޯޓާ (އާރުއެސްޑަބްލިއު) ސިސްޓަމް ހަރުކުރަން ސަރުކާރުން ފަށައިގެން އުޅޭ އާރުއެސްޑަބްލިއު ފައިނޭންސިން ސްކީމުގައި ބައިވެރިވުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެކަމަށް ކުރިމަތިލުމަށް ހުޅުވާލި ޝަރުތުތަކަށް ސަރުކާރުން ވަރަށް ބޮޑު ލުޔެއް ދީފިއެވެ.
މީގެ ކުރިން ސަރުކާރުން ހުށައެޅީ އެކަމަށް ކުރިމަތިލާ ދޯނިތަކުގެ އެއް އަހަރު ދުވަހުގެ ކްރެޑިޓު ތާރީޚު ހުށައަޅާ ގޮތަށެވެ. ނަމަވެސް ސަރުކާރުން މިހާރު މި ވަނީ ވީހާވެސް ގިނަ ދޯނިތަކަށް މި ފުރުޞަތު ހުޅުވާލުމަށްޓަކައި ޝަރުތުގެ ތެރޭ ހިމެނޭ ކްރެޑިޓު ބަލާ މުއްދަތު ތިން މަހަށް ކުޑަކޮށްފައެވެ. އާރުއެސްޑަބްލިއު ފައިނޭންސިން ސްކީމުގެ ދަށުން ދެ މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިން ދޫކުރާނެއެވެ. މި ފައިސާއަކީ އާރުއެސްޑަބްލިއު ނިޒާމާއި، އެއަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި، ސޯލާ ޕެނަލްތައް ދޯނީގައި ގާއިމުކުރުމަށް ދޫކުރާ ފައިސާއެވެ. އިސްލާމިކް ފައިނޭންސިންގެ މުރާބަހާ މޮޑެލްގެ ދަށުން ދޫކުރާ މި ފައިސާ އަނބުރާ ދައްކަން 10 އަހަރު ލިބޭނެއެވެ.
މަސް ދޯނި ފަހަރުގައި އާރުއެސްޑަބްލިއު ނިޒާމު ގާއިމުކުރުމަކީ މަސްވެރިންނަށް އައިސް ނުލިބޭ މައްސަލަ އާއި އައިސް ހޯދަން ގިނައިން ދުއްވަން ޖެހޭ މައްސަލަ ހައްލުކޮށް، މަސްވެރިން ބާނާ މަހުގެ ތާޒާކަމާއި ކޮލިޓީ ދަމަހައްޓަން ފަހިކޮށްދޭން މަސްވެރިންނަށް ފަހިކޮށްދޭން ރައީސް މުއިއްޒުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތެކެވެ. އާރުއެސްޑަބްލިއު ނިޒާމުތައް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ފިޝަރީޒް މިިނިސްޓަރު އަހުމަދު ޝިޔާމް މިދިޔަ ފެބްރުއަރީ މަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ، ދެކުނުގެ 60 ޕަސެންޓު ބޯޓުތަކުގައި މި ނިޒާމު ގާއިމުކުރެވިއްޖެ ކަމަށެވެ.