Logo
image for article

    ފަހަރި އިމްރާން ހެޑްލައިން ހަދަން އުޅުމުން ހޫނު ފެނަށް!

    މިދިޔަ މާރިޗު މަހު 21 ގައި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ބޯޓެއް ހިފަހައްޓާ 25 މާރިޗު ގައި ފުލުހުން އެމީހުންގެ ވަނަވަރު ހާމަކުރިއެވެ. އެމައްސަލަައިގައި ބޯޓުގައިއެވަގުތު ތިބި 10 މީހުން ބަންދުކުރިއެވެ. މި އެންމެންނަކީ ވެސް ބޭރު މީހުންނެެވެ.

    ފުލުހުން ވަނީ ތަހުގީގަށް ފަހު ބޯޓުގެ ޗީފް އޮފިސަރާއި އިންޖިނިއަރު މިހާރު ދޫކޮށްލާފައެވެ. ފުލުހުން ބުނެފައި ވަނީ އެދެމީހުން ދޫކޮށްލީ އެމީހުންނާއި ބޯޓުން ފެނުނު މަސްތުވާތަކެއްޗާއި ސީދާގޮތުން ގުޅުވާލެވޭނެ ހެއްކެއް ނެތަތީވެއެވެ. ބޯޓުން ހައްޔަރުކުރި އިތުރު 8 މީހުން އަދިވެސް ތިބީ ބަންދުގައެވެ. އެމީހުންގެ ތަހުގީގު ދަނީ ކުރިއަށެވެ. މިނިސްޓަރު ކަމުގައި މަކަރާއި ހީލަތުން ދައުރެއް ހޭދަކޮށް، ކޮރަޕްޝަނާއި ގޮތް ނޭނގޭ ގޮތް ގޮތުން ދެ ޖީބަށް ފައިސާ އަޅާ ފުރާލައިގެން މިހާރު ދުނިޔޭގެ މަސާޖު ކެޕިޓަލްގައި ބިރަކާއި ނުލާ ދިރިއުޅެމުންދާ އަދާލަތު ޕާޓީގެ ރައީސް އިމްރާން ވަނީ ބުދަ ދުވަހު ހެކި ނެތިގެން ކޯޓުން ދޫކޮށްލި ބޯޓުގެ ޗީފް އޮފިސަރާއި އިންޖިނިއަރުގެ މައްޗަށް ހެއްކެއް ނެތަސް ދޫކޮށްގެން ނުވާނެ ކަމަށް ބުނާ މޭރުމަކުން ސޯޝަލް މީޑިއާ ގައި ޕޯސްޓް ކޮށްފައެވެ.

    މި ޕޯސްޓް އާއި ގުޅިގެން ގިނަ ބަޔަކު އިމްރާން އަށް ހޫނު ރައްދުތަކެއް ދީ، އިމްރާނުގެ ހޯމް މިނިސްޓަރު ކަމުގައި ދިވެހި އެތައް ޒުވާނުންނަށް ކޮށްފައިވާ އަނިޔާގެ ވާހަކަ ދައްކާ، އިންސާފުން ބޭރުން އެމްޑީޕީ ސަރުކާރާއި އެކު އިމްރާން ހިންގާފައިވާ ޖަރީމާތަކުގެ ވާހަކަ ދައްކާ، އެ ސަރުކާރުގައި މަސްތުވާތަކެތި އާންމުވެފައި ހުރި ވަރާއި، މަސްތުވާތަކެތީގެ ބޮޑުން މިނިވަންކަމާއި އެކު އުޅެމުންދިޔަ ކަން ހަނދާން ކޮށްދީފިއެވެ. ހަމަ ރަނގަޅަށް ވެސް އިމްރާން ހޫނު ފެނަށް ވެއްޓުނެވެެ. އިމްރާނުގެ ހޯމް މިނިސްޓަރު ކަމުގައި ޔަމަނުގެ މުދައްރިސަކު ޖަލުގައި ވާނުވާ ބަންދުގައި މަރާލުމާއި، ގިނަ ޒުވާނުންތަކެއްގެ ބޮލުގައި ޓެރެރިޒަމްގެ ތުހުމަތު އަޅުވާ ބަންދުކުރުމާއި، އެމްއެމްޕީއާރުސީގެ މުގޫ ވަގު އަދީބު މިނިވަންކުރުމާއި، ކުޑަކުދިންނަށް ޖިންސީ އަނިޔާ ދީފައި ތިބި މީހުން ޖަލުން ދޫކުރުމާއި، މާފުށީ ޖަލު މަރާމަތުކުރުމަށް ކަމަށް ބުނެ 5 މިލިޔަން ރުފިޔާ އަމިއްލަ ޖީބަށް ކަޅާލުމާއި، ޑްރަގް މާފިއާގެ އެތައް ބޮޑުންނެއް މާފު ދިނުމަށް ފަހު ޖަލުން ދޫކޮށްލިކަން އިމްރާނުގެ ޕޯސްޓަށް ކޮމެންޓް ކުރި މީހުން ވަނީ ބުނެފައެވެ. އަދި މިކަން ކަމަކީ ބެންކޮކަށް ދިރިއުޅުން ބަދަލު ކުރިޔަސް ތާރީޚުން ފިލައިދާނެ ކަންކަމެއް ނޫން ކަމަށް މީހުން ބުނެފައިވެއެވެ.

    އިމްރާނަކީ އޭނާގެ ހޯމް މިނިސްޓަރު ކަމުގެ ދައުރުގައި ހަރުކަށި، ލާއިންސާނީ އަދި ފަހުން ގޮސް ލާދީނީ ސިޔާސަތުތަކަކަށް އޭނާގެ ސިޔާސަތުތައް ބަދަލުވެފައިވާ މީހެކެެވެ. މިއަށް ބާރު ލިބިދޭ ގޮތަކީ، ބަންގްލަދޭޝްގެ ނިކަމެތި ކުއްޖަކާއި އެކު އެއް ޖިންސުން ގުޅުން ހިންގާ ނެޓްވޯރކެއް އާންމުންގެ ތެރެއަށް ފަޅާއެރުމުން، އެ ނުބައި އަމަލު ހިންގި މީހުން ހިމާޔަތްކޮށް، ނިކަމެތި އަލަމްގިރު ދިގު މުއްދަތަކަށް ޖަލަށް ލުމާއި، އޭރު ސޯޝަލް މީޑިއާ އަށް އެ މަންޒަރުތައް ތިލަ ކުރި މީހުން ހޯދުމަށް މުޅި ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓު ލައްވާ ޕްރިއޯރިޓީގައި މަސައްކަތް ކުރުވާ، އެ މައްސަލައިގައި 3 މީހަކު ހައަޔަރުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ގެންގުޅުނެވެ.

    މީގެ އިތުރުން އިސްލާމް ދީނަށް ފުރައްސާރަ ކުރާ ރުސްތުމް ކިޔާ މީހަކަށް ހަރުކަށިއަދަބު ދިނުމުގެ ބަދަލުގައި ދޫކޮށްލައިގެން ހުއްޓާ އާންމުންގެ ޕްރެޝަރު ބޮޑުވުމުން ހަދާނެ އިތުރު ގޮތެއް ނެތިގެން ކުޑަ ދުވަސްކޮޅަކަށް އޭނާ ޖަލަށް ލާފައިވެއެވެ. ހަމަ މިގޮތަށް ޓިކްޓޮކް ގައި އަންހެން ހެދުން ލައިގެން ނަށާ ޔާޔާ ނަބީލު އާއި މެދު ވެސް އަމަލު ކުރިއެވެ. އެމްޑީޕީ ސަރުކާގައި ޔާޔާ ނަބީލު އަށް ކުޑަ ހުކުމެއް ކުރުމަށް ފަހު ދުވަސް ކޮޅެއް ތެރޭގައި ވަނީ ދޫކޮށްލާފައެވެ.

    ރޭޕްގެ ތުހުމަތު ކުރެވުނު އިބޫ ސޯލިހު ސަރުކާރުގެ މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ފުރުވާލުމުގައި އިމްރާނުގެ ދައުރު ހުރިހާ ދިވެހިންނަށްވެސް މިހާރު އެނގެއެވެ. އަދާލަތު ޕާޓީ އެއްލާލާފައި ބެންކޮކް ގައި ދިރިއުޅުމުގެ ސަބަބުން މިކަންކަން މަތިން ފަހަރެއްގައި އިމްރާން ހަނދާން ނެތުމަކީ އެކަށީގެންވެއެވެ. ނަމަވެސް ދިވެހި ރައްޔިތުންގެ ހިތުން މިކަންކަން ފިލައިގެން ދާނެހާ ދުވަހެއް އަދި ނުވެއެވެ. އިމްރާން ރީބްރޭންޑް ވެގެން ދިވެހިން ކުރިމައްޗަށް ދެން އަޔަސް ދިވެހިން އިމްރާނަށް ދެން ދޭނެ ވޯޓެއް، ހަވާލު ކުރާނެ މަގާމެއް ނޯންނާނެއެވެ. އިމްރާނުގެ ހޯމް މިނިސްޓަރު ކަމުގައި ހެކި ނެތި މީހުން ޖަލަށް ލައިގެން އަނިޔާވެރިވީ ބީދައިން ދެން މިރާއްޖޭގައި އެއްވެސް މީހަކަށް އަނިޔާ ނުކުރޭނެއެވެ. އެއީ މިހާރު އެއްވެސް މީހަކު ބަލައިގަންނާނެ ސިޔާސަތެއް ނޫނެވެ.