
ބިރަކާ ނުލާ މަޖާކުރެވެން ޖެހޭނެ ކަމަށް ބުނި މީހުން ޒުވާން ޖީލު ހަލާކުގެ ތެރެއަށް ވައްޓާލުމުގެ ޒިންމާ ނަގަން ޖެހޭ: ރައީސް
މިރޭ ފުލުހުންގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ރައީސް މުއިއްޒު ވަނީ ޒުވާނުން ތެރޭ އާންމުވެފައިވާ މަސްތުވާތަކެތީގެ މައްސަލަ އަށް އަލި އަޅުވާލާ، ފަހުގެ ތާރީޚުގައި ރާއްޖޭގައި އެ ވަބާ ފަތުރަން މަސައްކަތް ކުރި ލާދީނީ ޕާޓީ "އެމްޑީޕީ" ގެ ސިޔާސަތުތައް ކުށްވެރިކޮށްފިއެވެ.
ޒުވާނުންތަކެއް މަސްތުވެ ހިނގި ހިތާމަވެރި ހާދިސާ އަށް އިޝާރާތްކޮށް ރައީސް މުއިއްޒު މިރޭގެ ޖަލްސާ ގައި ވިދާޅުވީ "މިހާރު ހިނގައިގެން މިއުޅޭ ހިތާމަވެރި، ވަރަށް ހިތާމަވެރި ހާދިސާއަށް ވިސްނާލާއިރުވެސް، މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަދި އިންސާފަށް ލޯބިކުރާ ކޮންމެ މީހަކުވެސް ޤަބޫލުކުރާނީ ބިރަކާއި ނުލައި މަޖާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ޕްރޮމޯޓްކުރި މީހުން، މީގެ އަހަރުތަކެއް ކުރިން"
ރައީސް ވިދާޅުވީ އެ ހިތްވަރު ދިން މީހުން މިއަދު ނިކުމެ އެކުދިން ސިޔާސީ ބޭނުމެއްގައި ބޭނުން ކުރަމުންދާ ދިއުން ލޯ ހުޅުވާ ބަލަން އެބަޖެހޭކަމަށެވެ.
ލާދީނީ ޕާޓީގެ ފުރަތަމަ ވެރިކަމުގައި އޭރު ރައީސް އަކަށް ހުރި ގ. ކެނެރީގެ ނަޝީދު ވަނީ މަސްތުވާތަކެތި ޕްރޮމޯޓްކުރުމަށް ރަސްމީ ހައިސިއްޔަތު ބެނުންކޮށްގެން އެކި މަހައްލު ތަކުގައި މަސައްކަތް ކޮށްފައެވެ. ޓީވީ، ރޭޑިއޯގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށާއި ޕާޓީގެ އެކި މެނިފެސްޓޯތަކާ، އިންޓަވިއުތަކުގައި އެކި ފަހަރު މަތިން އެ ޕާޓީގެ "ބޮވެން ވާނެ" ސިޔާސަތު ރާއްޖޭގެ ރައްޔިތުންނަށް ތިލަކޮށްދޭން އޭނާ އިސްވެ ހުރެ ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެފަދަ ލާދީނީ އަމަލުތަކަށް ދީނީ އަދި ވަތަނީ ލޭ ހިނގާ ދިވެހިން އޭރުވެސް ދިޔައީ ފާޅުގައި ދެކޮޅު ހަދަމުންނެވެ.
