Logo
image for article

    ޝެއިހް ސަމީރު، ރޮޒައިނާއަށް: ޝަރުޢީ އިލްމުގެ އަލިފުބާވެސް ނުދަނެތިބެ ފަތުވާ މަޖްލީހުގެ އިޚުުތިޞާޞު ތެރެއަށް ނުވަދޭ

    ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވާ ކަންކަމާ ބެހޭގޮތުން ވާހަކަދެއްކުމަކީ ސަމާސާއެއް ކަމަށް ނުހެދުމަށާއި ފަތުވާ މަޖްލީހުގެ އިޚުތިޞާޞްގެ ތެރެއަށް ނުވަނުމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމަށް ޖަމިއްޔަތުއް ޞަލަފްގެ ނައިބު ރައީސް އައްޝައިޚް އަޙްމަދު ސަމީރު އިލްތިމާސް ކުރައްވައިފިއެވެ.

    ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ރޮޒައިނާ ވިދާޅުވީ ރައްޔިތުންނާއި ގުޅުން ހުރި މުހިންމު ކަންތައްތަކުގައި އެ މަޖިލީހުން ފަތުވާ ނުނެރޭ ކަމަށާއި ފަނޑިޔާރު ގެއާށް ނުފޫޒު ފޯރުވާ މައްސަލައިގައި ވެސް އެއްވެސް ފަތުވާއެއް ނުނެރޭ ކަމަށެވެ. ދީނުގެ މިފަދަ މުހިންމު ކަންކަމުގައި ފަތުވާ ނުނެރެ "ހޫރައްލީނުން"ގެ ވާހަކަ ފަދަ ބޭކާރު ކަންކަމުގައި ފަތުވާ ނެރޭތަން ފެންނަ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

    އޭނާ ދެއްކި ވާހަކަތާއި ގުޅިގެން ޝައިޚް ސަމީރު ވިދާޅުވީ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވާ ކަންކަމާ ބެހޭގޮތުން ވާހަކަދެއްކުމަކީ ސަމާސާއެއް ކަމަށް ހަދައިގެން ނުވާނެ ކަމަށެވެ. އަދި ފަތުވާ މަޖްލީހުގެ އިޚުތިޞާޞްގެ ތެރެއަށް ނުވަނުމަށް ރޮޒައިނާއަށް އިލްތިމާސް ކުރައްވާ ކަމަށް ވިދާޅުވިއެވެ.

    ހަމައެހެންމެ ދައުލަތުގެ މުއައްސަސާތަކުން ފަތުވާ މަޖިލީހުގެ ލަފަޔަކަށް އެދޭ ދީނީ ކަންކަމުގައި، އެ މުއައްސަސާތަކަށް ބޭނުންވާ އިސްތިޝާރީ ލަފާ ފޯރުކޮށްދިނުމާއި، ރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ މައްސަލަތައް ދެނެގަނެ، އެކަންކަމުގެ ދިރާސާތައްކޮށް، އެފަދަ މައްސަލަތަކުގައި މަޖިލީހުގެ ފަތުވާ އާންމުންނަށް ފޯރުކޮށްދިނުމީ ފަތުވާ މަޖްލީހުގެ ޤާނޫނީ ޒިންމާ ތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ޝައިޚް ވިދާޅުވިއެވެ.

    އަދި އަންހެނުން ފަނޑިޔާރުކަން ކުރުމުގެ ޙުކުމް ސާފުކޮށް ދެއްވުން އެދި ރައްޔިތުން މަޖްލީހުގެ ޢިއްޒަތްތެރި މެންބަރަކު ފަތުވާ މަޖްލީހުގައި އެދިލެއްވުމުން 9 ޖުލައި 2019 ގައި އެ މަޖްލީހުން ދެއްވާފައި ފަތުވާއަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން އެމަޖްލީހުގެ ޒިންމާގެ ތެރެއިން ދެއްވާފައިވާ ފަތުވާއެއް ކަމަށްވެސް ޝައިޚް ވިދާޅުވިއެވެ.

    "ވީމާ ޝަރުޢީ ޢިލްމުގެ އަލިފުބާވެސް ނުދަނެތިބެ ފަތުވާ މަޖްލީހުގެ އިޚުުތިޞާޞު ތެރެއަށް ވަދެ، އެބޭފުޅުންނަށް ހަޖޫޖަހައި، ފަތުވާ މަޖްލީހުގެ ހައިބަތު ވައްޓާލައި ކީރިތި ޤުރްއާނުގެ ޞަރީޙަ ނައްޞުގައި ބަޔާންކުރައްވާފައިވާ ޙޫރަލްޢީންގެ ވާހަކަތައް ދެއްކުމަކީ ބޭކާރުކަމެއް ކަމުގައި ޞިފަކުރުމީ ވަރަށް ދަށުދަރަޖައިގެ ޢަމަލެކެވެ،". ޝައިޚް ސަމީރު ވިދާޅުވެފައިވެއެވެ.

    މިފަދަ ވާހަކަތަކަކީ ދީނީގޮތުން ނުހަނު ޚުޠޫރަތްތެރި ކަންކަމަށް ވުމުގެ އިތުރުން އެއީ ގާނޫނާއި ޚިލާފު ޢަމަލެއް ކަމަށް ވިދާޅުވެ، އެފަދަ ވާހަކަތައް ނުދެއްކުމަށް ޝައިހް ވަނީ ރޮނައިޒާއަށް ނަސޭހަތްތެރިވެވަަޑައިގެންފައެވެ.