Logo
image for article

    ރަމަޟާން މަހު ރޭއަޅުކަން ކުރާ މުސްލިމުންނަށް ނޮހޮރުއްޕާން ކުރަން ކޮންމެ ރެއަކު އެމްޑީޕީން މަގުމައްޗަށް

    ރަމަޟާން މަހު ރޭއަޅުކަން ކުރާ މުސްލިމުންނަށް ނޮހޮރުއްޕާން ކުރަން ކޮންމެ ރެއަކު އިދިކޮޅު އެމްޑީޕީން މާލޭ މަގުމައްޗަށް ނުކުމެ ހޯބޯލައްވަމުން ދުވަންފަށައިފިއެވެ.

    ރަމަޟާންމަސް ފެށުމާއެކު ފެނިގެން ދިޔައީ އެމްޑީޕީން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަމުންދާ މަންޒަރެވެ.

    މި މުޒާހަރާތަކުގައި އެމްޑީޕީން ކުރަމުންދާ އިހުތިޖާޖުތަކަކީ ކޮބައިތޯ އަޅުގަނޑުމެން ވިސްނާލަން ޖެހެއެވެ. އެބައިމީހުން މިކަން ކުރަނީ ރޯދަމަހުގެ ރޭއަޅުކަމާ ދިމާކޮށެވެ. ތަރާވީހް ނަމާދު ނިމިގެން ރައީސް މުއިއްޒު މިސްކިތުން ނުކުންނަވާ ގަޑިއާއި ދިމާކޮށް އެމްޑީޕީން މުޒާހަރާފަށައެވެ.

    އެންމެ ފުރަތަމަ މި ރަމަޟާން މަހު އެމްޑީޕީން އަވަގުރާނަގޮވާ، ފާޑުފާޑު ލަގަބުތަކުން ސަރުކާރުގެ ވެރިންނަށް ގޮވާ ދެޖިންސު މަސްހުނިވެގެން ކުރި މުޒާހަރާއަކީ ބަދުރު ހަނގުރާމަ އާއި އެއްފަދަ ކަމެއްގެ ގޮތުގައި ސިފަކުރިއެވެ. އެއަށްފަހު މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒެއިނާ ވަނީ ހޫރަލްޢީނުންގެ ވާހަކައަކީ ބޭކާރު ވާހަކައެއް ކަމަށްބުނެ ކުފުރުވެފައެވެ. އެމްޑީޕީން ކުރާ ކޮންމެ ކަމެއްގައި ލާދީނިއްޔަތު އިސްކުރާކަން މިކަންކަމުން ހާމަވެއެވެ.

    ސަރުކާރުން ބޯން މެރޯ ހަދައިގެން ކުދިން ރަނގަޅުވާތީ އެކަމާ ދެކޮޅަށް އެމްޑީޕީން އަޑުއުފުލަނީއެވެ. އަދި މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރާތީ އެކަމާވެސް ހިތްހަމަނުޖެހެއެވެ. ފަޤީރުން ހައްޖަށް ފޮނުވާތީ އެކަމާވެސް އިހުތިޖާޖު ކުރެއެވެ.

    ސްކޫލުތަކުގައި ދިވެހި ޤައުމިއްޔަތު ކިޔަވައިދޭތީ އެކަމާވެސް ނުރުހުން ފާޅުކުރެއެވެ. އަދި ފައިސާ ޗާޕު ނުކުރާތީ އެކަމާވެސް ކަންބޮޑުވެއެވެ. އެމްޑީޕީއަށް ފަންޑު ކޮށްދޭ ކުންފުނިތަކަށް ދައުލަތުން ބަދަލު ދިނުމުގެ ނަމުގައި ލާރި ބެހުން ހުއްޓާލީތީވެސް ހިތްހަމަނުޖެހެއެވެ.

    އެއަރ އެމްބިއުލާންސްއިން ބަލި މީހުން އުފުލާތީ އެކަމާވެސް ދެކޮޅު ހަދައެވެ. ޔޫރަޕުގެ ކޮލިޓީ ބޭސް ރާއްޖޭގައި ވިއްކަން ފެށީތީ އެކަމާވެސް ނުރުހުން ފާޅުކުރެއެވެ. ގެދޮރު އަޅަން 2000 މިލިއަން ރުފިޔާ މި އަހަރު ރައްޔިތުންނަށް ދޫކުރާތީ އެކަމާވެސް ހިތްހަމަނުޖެހެއެވެ.

    މީގެ އިތުރުން، ޑްރަގް އަތުލާ މިންވަރު އިތުރުވެފައި ވާތީ އެކަމާވެސް ކަންބޮޑުވެއެވެ. ބޭރު ސިފައިން ރާއްޖެއިން ފޮނުވާލާފައި ވާތީ އެކަމާވެސް އިހުތިޖާޖު ކުރެއެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ އެތައް ހާސް ބިދޭސީއެއް ޑިޕޯޓް ކޮށްފައި ވާތީ އެކަމާވެސް ނުރުހުން ފާޅުކުރެރުހުން ފާޅުކުރެއެވެ.އަދި ޖުޑީޝަރީގައި ތިބި އެމްޑީޕީގެ އެކްޓިވިސްޓުން ވަކިކުރާތީ އެކަމާވެސް ރޮއެ ހޭރެނީއެވެ.

    އެމްޑީޕީން މުޒާހަރާ ކުރަން ނިކުންނަނީ ރައްޔިތުންނަށް ފައިދާހުރި ގިނަ ކަންތައްތަކާ ދެކޮޅަށެވެ. އެހެންކަމުން، މި މުޒާހަރާތަކުގެ އަސްލު މަޤްޞަދަކީ ކޮބައިތޯ އަޅުގަނޑުމެން ވިސްނާލަން ޖެހެއެވެ. ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް ހުރަސްއެޅުމަށް ކުރާ މަސައްކަތެއްތޯ ނުވަތަ އެހެން މަޤްޞަދެއް އޮވެގެން ކުރާ ކަމެއްތޯ ރައްޔިތުން ވިސްނާލަން ޖެހޭނެއެވެ.