Logo
image for article

    ރައީސް މުއިއްޒު ސަލްޓަން ޕާކް ވީރާނާވެފަ ވާތީ އެކަން ހައްލުކުރާނެ ކަމަށް ވިދާޅުވުމުން މޭޔަރު އާޒިމް ތެޅިގަނެފައި މަސައްކަތް އަވަސްކޮށްފި

    މާލޭގެ ރަސްފަންނާއި ސަލްޓަން ޕާކުގެ މިހާރުގެ ޙާލަތު ހުރިގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ޕޯސްޓު ކުރެއްވުމާއެކު، ސަލްޓަން ޕާކް މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލް އިން އިއުލާނުކޮށްފިއެވެ.

    މަރާމާތަށް ކަމަށް ބުނެ މާލެ ސިޓީ ކައުންސިލް އިން ސަލްޓަން ޕާކް ބަންދުކުރިތާ މިހާރު ވަނީ 8 މަސްވެފައެވެ. އެތަނުގެ ހާލަތު ހުރި ގޮތުން ވޭތުވެދިޔަ ދުވަސްތަކުގައި އެތަނުގައި އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން ހާމަވެއެވެ. 8 މަސްތެރޭ އެތަން މަރާމާތު ކުރުމަށް މާލެ ސިޓީ ކައުންސިލް އިން ބަޔަކު ހޯދަން އިއުލާނުކޮށްފައިވެސް ނުވެއެވެ. އިއްޔެ ރައީސް ޑރ.މުއިއްޒު އެމަނިކުފާނުގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މާލޭގެ ރަސްރަނި އަދި ސަލްޓަން ޕާކްގެ ހާލަތު ހުރިގޮތުން ހިތާމަކުރައްވާކަމަށް ވިދާޅުވެ، އެތަނުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ހާއްސަ މަސައްކަތެއް ކުރައްވާނެކަމަށް ފާހަގަކުރެއްވިއެވެ.

    މިއާއެކު މިއަދު މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ސަލްޓަން ޕާކު މަރާމާތުކޮށްދޭނެ ބަޔަކު ހޯދާކަމަށެވެ. އެ އިއުލާނުގައި ބުނީ އެ އިދާރާގެ ބެލުމުގެ ދަށުގައިވާ ސަލްޓަލް ޕާކު މަރާމާތުކޮށްދޭނެ ބަޔަކު ހޯދުމަށް ބޭނުން ވާތީ، އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހު 18 ގެ ކުރިން މައުލޫމާތު ސާފުކުރުމަށް ފަހު، މި މަހު 24 ގައި އަގު ހުށަހެޅުމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

    އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

    މަރާމާތުކުރުމަށް ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލުން މާލޭގެ ރަސްރަނި ބަގީޗާގެ ބައެއް ސަރަހައްދުތައް ބަންދުކޮށްފައިވާތާ 8 މަސްވެގެންދިޔައިރުވެސް އެތަނުގެ މަރާމާތަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވެއެވެ.